އިންތިޚާބުގައި ވާދަކުރައްވާ ސިވިލް ސާރވިސް މުވައްޒަފުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ – އެލެކްޝަންސް
އަންނަ އެޕްރީލް މަހުގެ 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ސިވިލް ސާރވިސް މުވައްޒަފުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާދަމައިން ފެށިގެން ސިވިލްސާވިސްގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަޒީފާއިން ސަސްޕެންޑްވިކަމަށް ސިވިލްސާވިސް ކޮމިޝަނުން އަންގާނެކަމަށެވެ. ނަމަވެސް ނަން އަނބުރައި ގެންގޮސްފައިވާނަމަ ވަޒީފާ އަނބުރައި ރުޖޫޢަ ކުރެވޭނެކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިވިލްސާވިސް މުވައްޒިފުންނަށް މިގޮތަށް އަމަލު ކުރެވުނު ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މިހުކުމް ނުހިނގާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް މިހާރު ތަޢާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ.
އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ. އިލެކްޝަންސް ކޮމިޝަނުން ވިދަޅުވެފައިވަނީ، މެއި މަހުގެ 9 ވަނަދުވަހަށްވުރެ އިންތިޙާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށްނެތްކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ ޤާނުނުން ކޮމިޝަނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެކަން މަޖިލީހަށް ހުށައެޅުންކަމަށެވެ.



