ސައުދީއަށްދިޔަ ދިވެހި ސިފައިންނާ ދިވެހި ސަފީރު ބައްދަލުކުރައްވައިފި
ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ “އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން”ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި އެ ޤައުމަށް ދަތުރުކުރި ދިވެހި ސިފައިންނާ، ދިވެހިރާއްޖެއިން ސައުދީއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު ސައުދީގެ ވެރިރަށް ރިޔާޒް ގައި ބައްދަލުކުރައްވައިފިއެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން 4ސިފައިންގެ ބޭފުޅުންވަނީ އެ ޤައުމަށް ވަޑައިގަންނަވާފައެވެ. މީގެތެރޭގައި ހިމެނެނީ ކާނަލް މުޙައްމަދު މުޚުތާރާއި، މޭޖަރ މުޙައްމަދު ޞާމިރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 މިފްތާޙް ޙުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުޙައްމަދު މުޚުތާރެވެ.
މިބޭފުޅުން ސައުދީއަށް ވަޑައިގެންނެވުމުގެ ކުރިން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ އެބޭފުޅުންނާ ބައްދަލުކުރައްވާ ހިތްވަރުދެއްވައި ތަޢުރީފް ކުރައްވާފައެވެ.
