ލަންދޫ ހެލްތްސެންޓަރގެ 20 ވަނަ އަހަރީދުވަސް ފާހަގަކޮށްފި
ނ.ލަންދޫ ހެލްތްސެންޓަރުގެ 20 ވަނަ އަހަރީދުވަސް އެސެންޓަރުގައި ފާހަގަކޮށްފިއެވެ.
އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ސެންޓަރުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ހެލްތްމިނިސްޓަރ އަލްފާޟިލް އަޙްމަދު ނަސީމް އާއި، ހެލްތްމިނިސްޓްރީގެ އިސްވެރިންގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޠާރިޤް އާއި، ރައްޔިތުންގެ މަޖްލިސްގައި ނ.އަތޮޅު ތަމްޞީލް ކުރައްވާ ޢިއްޒަތްތެރި ތިން އެމްޕީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހެލްތް ސެންޓަރަށް ގިނަދުވަހު ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދިނުންވެސް ރޭގެ ޖަލްސާގައި އޮތެވެ. އެގޮތުން އެސެންޓަރަށް 10 އަހަރު ދުވަހާއި، 20 އަހަރު ދުވަހާއި، އަދި 25 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާދިނެވެ. ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ރޭގެ ޖަލްސާގެ ޝަރަފްވެރިމެހްމާން ހެލްތްމިނިސްޓަރ އަލްފާޟިލް އަޙްމަދު ނަޞީމެވެ.

ހެލްތްމިނިސްޓަރ އަޙްމަދު ނަޞީމް ރޭގެ ޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކައިގައި އެންމެ ބޮޑަށް އަލި އަޅުވައިލެއްވީ އަދުގެ ސަރުކާރުން ޕަބްލިކް ހެލްތް ދާއިރާ ކުރިއަރުވަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށެވެ. ނަޞީމް ވިދާޅުވީ މީގެ 40 ވަރަކަށް އަހަރު ކުރީގައި ރާއްޖެތެރޭގެ ރައްޔިތުން ތިބީ ވަރަށް ޙާލުގައި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނާ ސަރުކާރުތަކުން ގުޅިގެން މިކުރެވުނު މަސައްކަތުން މިއަދު މިވަނީ ހެލްތް ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށް ވިދާޅުވިއެވެ. އަދި އަދުގެ ސަރުކާރުން މިހާރު އެދާއިރާ ތަރައްޤީ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
ލަންދޫ ހެލްތްސެންޓަރަށް 20 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި އަހަރީ ކޭކް ފެޅުންވެސް އޮތެވެ. ކޭކް ފަޅައިދެއްވީ އެ ސެންޓަރަށް އެންމެ ގިނަދުވަހު ޚިދުމަތް ކުރުމުގައި ދެމިތިއްބެވި ދެ މުވައްޒަފުން ކަމުގައިވާ އަލްފާޟިލާ ޙައްވާ ދާއޫދާއި، އަލްފާޟިލާ ފާތުމަތު ޙަސަންއެވެ.

ލަންދޫ ހެލްތް ސެންޓަރުގެ އަހަރީ ދުވަހުގެ ޖަލްސާއަށް ހެލްތްމިނިސްޓަރ ލަންދުއަށް ކުރެއްވި ޒިޔާރަތުގައި ލަންދޫ ކުޅިދޮށުޕާކްވެސް ބައްލަވާލެއްވިއެވެ. އެތަންތަރައްޤީކޮށްފައިވާ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާ އެކަމަށްޓަކައި ލަންދޫ ޒުވާނުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެފަދަތަންތަނަކީ އެމަނިކުފާނު ވަރަށްބޮޑަށް ގަޔާވާ ތަންތަންކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރގެ ދަތުރުފުޅުގައި ނ.އަތޮޅުގެ އެހެން ބައެއް ރަށްރަށަށްވެސް ވަޑައިގެންނެވިއެވެ.

