ޚަބަރު

ރާއްޖެއަށް ޖަޕާނުން ވެދޭ އެހީތަކަށް ރައިސް ޝުކުރު އަދާކުރައްވައިފި

ރާއްޖޭގެ މައިގަނޑު ބޮޑަތި މަޝްރޫޢުތަކަށް އެހީތެރިވެދީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން އަދާކުރާ މުހިންމު ރޯލު ފާހަގަކުރައްވައި ޖަޕާނުސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާ ކުރައްވައިފިއެވެ.

ޖަޕާނު ސަރުކާރަށް ރައީސް ޝުކުރުއަދާކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުނެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮވިޑް-19ގެ އާއި ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެއިޑްގެ ގޮތުގައި ޖަޕާނުންވަނީ 5 ބިލިޔަން ޔެންގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. މިއީ ކޮންސެޝަނަލް ލޯނުގެ ގޮތުގައި މިހާތަނަށް މިގޮތަށް ޖަޕާނުން ރާއްޖެއަށް ދީފައިވާ އެންމެބޮޑު އަދަދުކަމަށްވާއިރު ރައީސުލްޖުމްހޫރިއްޔާވަނީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ރާއްޖެއާ ޖަޕާނާދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައިވެސް ޖަޕާނުން ރާއްޖެއަށް އެކިދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމާއި ގުޅޭގޮތުންވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޒުވާނުނަށް ވޮކޭޝަނަލް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖްކުރުމާއި ޞިއްހީދާއިރާ ކުރިއެރުވުމަށާއި އަދި ސަލާމަތާބެހޭ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް ސަފީރުވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޖަޕާނުގެ ސަފީރު ވިދާޅުވީ ދިވެހި ސަރުކާރުގެ ލާމަރުކަޒީ ޕޮލިސީތަކާ އެއްގޮތަށް ލާމަރުކަޒުކޮށް ރަށްފުށުގެ ތަރައްޤީ ކުރިއެރުވުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާ ޖަޕާނުގެ ސަފީރު މި ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައިވެސް ދެޤައުމުގެ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެ ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close