ލަންދޫގައި ޑެންގީ ފެތުރުން ކޮންޓްރޯލެއް ނުވޭ
މިމަހުގެ ކުރީ ކޮޅުންފެށިގެން އަދިވެސް ނ.ލަންދޫގައި ހުންރޯގާ ޖެހޭ މީހުންނާއި، ކުޑަކުދިންގެ ޢަދަދު ދަށަށް ނުދާކަމަށާއި، ހެލްތްސެންޓަރުގައި އެޑްމިޓްކުރަމުން އަންނަ މިންވަރުވެސް މަދުނުވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ހުންޖެހިގެން ދުވާލެއްގެ މައްޗަށް ތިންހަތަރު މީހުން ދައްކާއިރު ބަލިމީހުން ބައިތިއްބާ ވާރޑް ފުރިގެން އިތުރު އެހެން ކޮޓަރިއެއް ހުސްކޮށް އެތާންގައިވެސް މީހުން ބައިތިއްބައިގެން އިއްޔެއާއި ރޭ ވަނީ ފަރުވާދީފައެވެ.
ލަންދޫ ހެލްތްސެންޓަރުން ބުނީ ރަށުތެރޭގައި ރޯގާ ފެތުރެމުން އަންނަލެއް ހަލުވިކަމާއި، ރޯގާ މައިތިރިނުވެ ކުރިއަށްދާތީ އެކަމަށް ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ރަށުގެ ރައްޔިތުންނަށް ހިންގާފައިވާނެކަމަށާއި، އަދިވެސް އެފަދަ ޕްރޮގްރާމްތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެކަމަށެވެ.
ހެލްތް ސެންޓަރުން ބުނީ ހުންރޯގާ ޖެހޭ މީހުން އިތުރުވަމުން ދިޔަނަމަވެސް އަދި މިހާތަނަށް ސިވިއަރ ކޭހެއް ފެނިފައި ނުވާކަމަށެވެ.
މަދިރީގެ ޒަރީޢާއިން ފެތުރޭ ޑެންގީގެ ތަފާތު ވައްތަރުތައް ހިމެނޭއިރު ލަންދުއަކީ މަދިރި ގިނަރަށެއްކަމަށް އެރަށު ރައްޔިތުން ބުނެއެވެ.
ލަންދޫ ސިއްޙީ މަރުކަޒަކީ މިހާރު އެތަނުން ކުދިކުދި ޓެސްޓްތައް ހެދޭ ލެބޯޓްރީގެ ޚިދުމަތް ލިބެންހުންނަ ސެންޓަރެކެވެ.
ޑެންގީ އަކީ އޭޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ހުމެކެވެ. ޑެންގީ ޖެހެނީ ޑެންގީގެ ޖަރާސީމު (ޑެންގީ ވައިރަސް) ހުރި މަދިރިއެއް ހެފުމުންނެވެ. ޢާއްމު ގޮތެއްގައި ޑެންގީ ފަތުރަނީ އޭޑީސް އިޖިޕްޓައި އަދި އޭޑީސް އެލްބޯޕިކްޓަސް މަދިރިއެވެ. މި 2 ބާވަތުގެ މަދިރިއަކީ ވެސް މީހުން ދިރިއުޅޭ ހިސާބުތަކުގައި، ސާފު ފެނުގައި އާލަވާ އެއްޗެކެވެ. އޭޑީސް ހަފަނީ ދުވާލުގެ ވަގުތުތަކުގައި، އަދި ޚާއްސަކޮށް ފަތިހާއި އިރުއޮއްސޭ ވަގުތުތަކުގައެވެ.

