ޚަބަރު

ނައިޖީރިއާއިންވެސް ވައިރަހުގެ އާވައްތަރެއް ފެނިއްޖެ

ނައިޖީރިއާ އިންވެސް ކޮވިޑް-19 ޖައްސާ ވައިރަހުގެ ބަދަލުތަކެއް އައިސްފައިވާ ބާވަތެއް ފެނިއްޖެކަމަށް އެޤައުމުގެ ސިއްޙީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.  

އޮފިޝަލުންނާ ޙަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނައިޖީރިއާއިން މި ފެނުނު ވައިރަހަކީ އިނގިރޭސި ވިލާތުން ފެނުނު ވައިރަހާ ވަރަށް ބޮޑަށް ތަފާތު ވައިރަހެކެވެ.

އެފްރިކާ ސެންޓާސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ނުވަތަ އެފްރިކަން ސީޑީސީގެ އިސްވެރިޔާ، ޖޯން ކެންގަސޮންގު ވިދާޅުވީ ނައިޖީރިއާގައި ފެތުރެމުންދާ ވައިރަހުގެ ބާވަތަކީ އިނގިރޭސިވިލާތާއި ދެކުނު އެފުރިކާގައި ފެތުރެމުންދާ ބާވަތްތަކާއި ތަފާތު ބަދަލުތަކެއް އައިސްފައިވާ ވައްތަރެއްކަމަށެވެ. އެ ވައިރަހުގެ ވިރާސީ ތަފްޞީލުތައް ނައިޖީރިއާގެ ސީޑީސީންނާއި ދަ އެފްރިކަން ސެންޓަރ އޮފް އެކްސެލެންސް ފޮރ ޖީނޮމިކްސް އޮފް އިންފެކްޝަސް ޑިޒީސުން ދިރާސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ވައިރަހާއިގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް އިތުރު ވަގުތު ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބަދަލު އައިސްފައިވާ ވައިރަހުގެ ބާވަތް ފެނިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 3 ވަނަ ދުވަހާއި އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހުގައި ނައިޖީރިއާގެ އޯސަން ސްޓޭޓުގައި ކޯވިޑަށް ތަހުލީލުކޮށްފައިވާ ދެ މީހުންގެ ފަރާތުންނެވެ. އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަހުގެ އައު ބާވަތާއި ޚިލާފަށް، ނައިޖީރިއާއިން ފެނިފައިވާ އައު ވައްތަރު ފެތުރޭ މިންވަރު މާ ބޮޑަށް އިތުރު ނޫންކަމަށް ދިރާސާއެއްގައިވަނީ ބުނެފައެވެ. އަދި މިވަގުތު ނައިޖީރިއާގައި ބަލިފެތުރޭ މިންވަރާއި އެ ބާވަތާއި ގުޅުމެއް ނެތްކަމަށްވެސް އެ ދިރާސީ ކަރުދާހުގައިވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ކޮށްފައިވާ ވިރާސީ ތަހުލީލުތަކާއި ނައިޖީރިއާގައި ކޮށްފައިވާ ތަހުލީލުތަކާއި ދެމެދު ހުރި ތަފާތުތަކެއްގެ ސަބަބުން އެފަދަ ބަދަލުތައް ދެނެ ނުގަނެވެނީކަމަށްވުން އެކަށީގެންވާކަމަށްވެސް ދިރާސީ ކަރުދާހުގައިވަނީ ބުނެފައެވެ.

ނައިޖީރިއާގައި މިހާތަނަށް 80،922 މީހުންނަށް ކޯވިޑް-19ޖެހި 1،236 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 1،133 މީހުންނަށް ބަލިޖެހި ފަސް މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ނައިޖީރިއާގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ 52 އިންސައްތައިން އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close