ޚަބަރު

އެންޓީއާރްޕީގެ ދަށުން ހިންގަވާ ފުރަތަމަ ހަރަކާތް އިފްތިތާޙް ކޮށްފި

ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރްޕީ)ގެ ދަށުން ހިންގަވާ ފުރަތަމަ ހަރަކާތް ރައީސް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ފައްޓަވައިދެއްވި މިޙަރަކާތަކީ ނިރުބަވެރިކަމަށް އިޖާބަދިނުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ޕްލޭނެކެވެ.  

އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައިވެރިވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މިބޭއްވެވި ރަސްމިއްޔާތުގައި މި ހަރަކާތް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިރުބަވެރިކަން ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމުގައެވެ. އަދި އެންޓީއާރްޕީއަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްލޭންއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ނިރުބަވެރިކަމާއި، ނިރުބަވެރިކަމުގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް މި ޕްލޭންގައި ބަޔާންކޮށްފައިވާ ކަމުގައެވެ. އަދި، މިއަދު ބޭއްވި ހަރަކާތަކީ، ނިރުބަވެރިކަމުގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށް ބޭއްވި ހަރަކާތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ކަމަނާ ވިދާޅުވީ، ރާއްޖެއާއި އިނގިރޭސި ވިލާތަކީ، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ޚިޔާލާއި ވިސްނުން އެއްގޮތް ދެ ޤައުމު ކަމަށާއި، މި ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.

މިއަދު ބޭއްވެވި ހަރަކާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެންބަރުންނާއި، އަދި ނެޝަނަލް ސެކިއުރިޓީ ސަރވިސަސްގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަރަކާތައްފަހު، އެން.ޓީ.އާރް.ޕީ.ގެ ވަރކިން ސެޝަންތައް މި ކަމުގައި ބައިވެރިވާ އެހެނިހެން އިދާރަތަކާއިއެކު ހިންގޭނެއެވެ. އަދި މި ސެޝަންތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއް ބައިވެރިވުމާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close