ޚަބަރު

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތައް ދެމަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތައް ދެމަސްދުވަހުގެ ތެރޭގައި ބަލައި ނިންމަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓްގައިވަނީ މޯލްޑިވް ގޭސް ކުންފުނިން ގޭސް ގަންނަނީ މާރކެޓް ރޭޓަށް ވުރެ ބޮޑުކޮށްކަމަށެވެ. އަދި އެކުންފުނި ހިންގުމުގައި ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ. އެކޮމިޓީންވަނީ މޯލްޑިވް ގޭހުގެ މައްސަލަ އެންމެ ގިނަވެގެން 2 މަސްދުވަހުގެ ތެރޭގައި ބަލައި ނިންމައި އެމައްސަލަ ނިންމިގޮތުގެ ރިޕޯޓް ކޮމިޓީއަށް ފޮނުވުމަށް އޭސީސީގައި ދެންނެވުމަށްވެސް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރި ކޮމިޓީ ރިޕޯޓްގައިވެއެވެ.

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތައް ދިރާސާކޮށް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ މޯލްޑިވް ގޭހުން ވިއްކަން ގެންނަ ގޭހުގެ އަގުބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން އެރިޕޯޓްގައި ބުނެފައިވަނީ ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް %45 ނުވަތަ %60 ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާކަމަށެވެ. އަދި 2016ވަނަ އަހަރާއި 2017ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގުދަށްވި ނަމަވެސް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު %65 އާއި %99އާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި 2016އިން 2018 އަހަރާ ހަމައަށް ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250އާ 285 ޑޮލަރާ ދެމެދު ހުރިއިރު، މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލިފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ފަހަގަކޮށްފައިވެއެވެ. ކޮމިޓީން ވަނީ ގޭހުގެ އަގު ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގޭސް ރައްކާކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށްވެސް އެކުންފުނީގައި އެދުމަށް ރިޕޯޓްގައި ހިމަނާފައެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ވަނީ ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވާ އެކުންފުނީގެ މެނޭޖިންގ ޑރެކްޓަރ ޝަޒައިލް ޝިޔާމް އެކުންފުނި ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަމަށާ، އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެހެން މެނޭޖިންގ ޑިރެކްޓަރަކު ޢައްޔަންކުރުމަށް ސަރުކާރާއެކު މަސައްކަތްކުރުމަށްވެސް ކަނޑައަޅާފައެވެ.

ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާއެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރުވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައި އޭނާގެ ބަޔާން ވެސް ވަނީ ނަގައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close