ޚަބަރު

ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ވޯލްޑް ބޭންކުން އެހީވާނަން – ވަރލްޑް ބޭންކުގެ ވަފުދު

ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިޤްތިޞާދު ހަރުދަނާކޮށް، ކޯވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ވޯލްޑްބޭންކުން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަރލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފެރިސް ހަދާދް ޖަވަރސް އަދި އެ ޖަމުޢިއްޔާގެ ކަންޓްރީ މެނޭޖަރ ޗިޔޯ ކަންޑާއާއި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

‎މިއީ މި ދެބޭފުޅުންގެ މަޤާމުގެ ހައިސިއްޔަތުން އަލަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި މި ދެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެ އަހަރު ދުވަސް ފުރިހަމަ ކުރެއްވުމާއި ގުޅިގެން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެބޭފުޅުން ވަނީ މި ދެއަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން އަންހެނުން ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ކުރުމާއި، ޑިމޮކްރަސީއާއި، އިޖްތިމާޢީ އަދި ސިޔާސީ ހައްޤުތައް ހޯދަދިނުމުގެ ރޮނގުން ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަރލްޑް ބޭންކުން ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއިއެކު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، އެ ޖަމުޢިއްޔާގެ އެހީގައި އެ މުއްދަތުގައި ދިވެހިރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރެވި، 32 މަޝްރޫޢެއް ހިންގިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، މިހާރުވެސް ވަރލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރުކުރުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއި، މީހުން ބިނާކުރުމަށް ދެއްވާފައިވާ ޙާއްޞަ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19ގެ މި ޙާލަތުގައި އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވަރލްޑް ބޭންކް ހިމެނޭކަން ފާހަގަކުރައްވާ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ދިވެހިރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫޢުތައް ހިންގުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، އެ ޖަމުޢިއްޔާއަށް ޝުކުރުއަދާ ކުރައްވާފައިވެއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯވިޑް-19ގެ ޙާލަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވަރލްޑް ބޭންކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުކަން ހާމަކުރައްވާފައެވެ. އަދި، ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން މިހާރަށްވުރެ ފުޅާކުރައްވާ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިވެދެއްވާނޭކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އިސްމާޢިލް އަލީ މަނިކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކެޓްރީ ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީން، ޗީފް ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް މަރިޔަމް އަބްދުލް ނާސިރު، އަދި ވަރލްޑް ބޭންކްގެ ކަންޓްރީ ސްޓާފް ޝާދިޔާ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެއް ކޮމެންޓް

  1. އަހަރެމެން ނުގަބޫލަސް އިގުތިސާދު ހަމަޔަށް އެޅުވުމަށް ރާޢްޖޭގެ މީހުން އުޅޭ ރަށްރަށުގައި ރާވިއްކުމުގެ ހުއްދަ ދިނުމަށް މިއުޅުއްވާ ކުދިންތައް މިބުނާ ގާނޫނެއް ވަރަށް އަވަހަށް ފާސް ކުރަން ފެނޭ.އަދި ބާރު ދަށް މަސްތުވާ ތަކެތި އޭގެ ތެރޭގައަ ހިމަނާލަން ވެސް ފެނޭ. އެހެން ނޫނީ އެބޭނުން ކުރާކުދިން ސަލާމަތެއް ނުކުރެވޭނެ. ޒަމްޒަމް މެން އެ އުޅުއްވާ ގޮތެއް ރަނގަޅެއް ނޫން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close