ޚަބަރު

ހުކުރުދުވަހުގެ ޚާއްޞަ ވަގުތުކޮޅަކީ ކޮބާ؟

ހުރިހާގޮތަކުންވެސް ހުކުރު ދުވަހަކީ ވަރަށް ޚާއްޞަދުވަހެކެވެ. ދުނިޔެވީ ގޮތުންބެލިކަމުގައިވިޔަސް އަޅުގަނޑުމެން ހުކުރުދުވަސް ޚާއްޞަކުރަމުއެވެ. އާއްމުދިރިއުޅުމުގެ އެތައްބައިވަރު ކަމަކަށް ހަފްތާގެ ތެރެއިން ބަދަލުތަކެއް ގެންނަ ހަމައެކަނި ދުވަހަކީވެސް ހުކުރުދުވަހޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

ހުކުރު ދުވަހަކީ މިއުއްމަތަށް ޚާއްޞަ ކުރައްވާފައިވާ ދުވަހެވެ. ހުކުރު ދުވަހުގެ ޚާއްޞަކަމުގެ ތެރެއިން އެދުވަހުގައި ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތުކޮޅެއް ލައްވާފައި ވާކަމުގައިވެސް ސުންނަތުން ސާބިތުވެއެވެ. އެވަޤުތު ދުޢާކުރާ އަޅެއްގެ ދުޢާ އިޖާބަ ކުރައްވާނޭ ކަމުގައިވެސް ބަޔާން ކުރައްވާފައިވެއެވެ.

އަލްބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. “إِنَّ فِي الْجُمُعَةِ لَسَاعَةً، لَا يُوَافِقُهَا مُسْلِمٌ، يَسْأَلُ اللهَ فِيهَا خَيْرًا، إِلَّا أَعْطَاهُ إِيَّاهُ”، قَالَ: وَهِيَ سَاعَةٌ خَفِيفَةٌ. މާނައީ: “ހަމަކަށަވަރުން، ހުކުރު ދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުކޮޅާ ދިމާވެއްޖެ މުސްލިމަކު، މާތް ﷲ ގެ ޙަޟުރަތުން ހެޔޮ ކަމަކަށް އެދި ދުޢާކޮށްފިނަމަ، އޭނާ އެދޭކަމެއް ފުއްދަވައި ދެއްވާނެތެވެ.” (އެބަހީ: އޭނާގެ ދުޢާ އިޖާބަކުރައްވާނެތެވެ.) އަދި އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމުގައިވެސް ޙަދީޘްކުރެއްވިއެވެ.

ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތުކޮޅަކީ ކޮން ވަގުތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތު ރައުޔުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ޞައްޙަ ދެ ޤައުލުގެ ކުރު ޚުލާޞާއަކަށް ބަލައިލަމާތޯއެވެ!

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. “ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަގުތަކީ ކޮންވަގުތެއްތޯ މިކަމުގައި ހުރި ޢިލްމުވެރިންގެ ވާހަކަތަކުގެ ތެރެއިން އެންމެ ޞައްޙައީ ދެޤައުލެކެވެ. އެ ދެޤައުލުވެސް ބިނާވެފައިވަނީ ޞައްޙަ ޙަދީޘްތަކުގެ މައްޗަށެވެ. އެއީ؛

އެކެއް: އެވަގުތަކީ އިމާމު މީހާ މިންބަރަށް އަރައި އިށީނީއްސުރެ، ހުކުރު ނަމާދު ނިމެންދެން އޮންނަ ވަގުތެވެ.

މި ބަހަށް އޮތް ދަލީލަކީ އިމާމު މުސްލިމް ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. އަބޫ މޫސަލް އަޝްޢަރީ رضي الله عنه ގެ ދަރިކަލުން، އަބޫ ބުރްދާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ޢަބްދު ﷲ ބުނު ޢުމަރު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަގުތާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެއްވެސް ބަސްފުޅެއް ކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވި އަޑު އެއްސެވިން ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “އާއެކެވެ. ބައްޕަ ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” “هِيَ مَا بَيْنَ أَنْ يَجْلِسَ الْإِمَامُ إِلَى أَنْ تُقْضَى الصَّلَاةُ ” މާނައީ: “އެވަގުތަކީ އިމާމު މީހާ (މިންބަރުގައި) އިށީނީއްސުރެ، ހުކުރު ނަމާދު ނިމުމާ ދެމެދުގައިވާ ވަގުތެވެ.”

ދޭއް: އެވަގުތަކީ ޢަޞްރު ނަމާދަށް ފަހުގައި އޮންނަ ވަގުތެވެ. އަދި މިއީ އެވަގުތާމެދު ބުނެވޭ އެންމެ ޞައްޙަ ބަހެވެ.

މިޤައުލަކީ ޢަބްދު ﷲ ބުނު ސަލާމާއި، އަބޫ ހުރައިރާ رضي الله عنه އާއި އަދި އަލްއިމާމު އަޙްމަދުފަދަ އެތައް ބޭކަލެއްގެ ބަސްފުޅެވެ. އެބޭކަލުންގެ ދަލީލަކީ އިމާމު އަޙުމަދު ރިވާކުރައްވާފައިވާ މިޙަދީޘެވެ. އަބޫ ސަޢީދުލް ޚުދްރީ رضي الله عنه އާއި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ހުކުރު ދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުކޮޅާ ބައްދަލުވެއްޖެ މުސްލިމު އަޅަކު، މާތް ﷲ ގެ ޙަޟުރަތުން ހެޔޮ ކަމަކަށް އެދި ދަންނަވައިފިނަމަ، އެކަމެއް ފުދައްވައި ދެއްވާހުއްޓެވެ. އެވަގުތަކީ ޢަޞްރުގެ ފަހުން އޮންނަ ވަގުތެވެ.” (މިޙަދީޘްގެ ސަނަދު ބަލިކަށިނަމަވެސް މި މޭރުމުން ހުރި އެހެން ޙަދީޘްތަކާއެކު މިޙަދީޘް ޞައްޙަވެގެންވެއެވެ.)

ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަގުތަކީ އިމާމު މީހާ މިންބަރުގައި އިށީނީއްސުރެ، ހުކުރު ނަމާދު ނިމުމާއި ދެމެދުގައި އޮންނަ ވަގުތުކަމުގައި ބެނުވުނު ނަމަވެސް، އެވަގުތު ހުކުރު ޚުޠުބާ އަޑުއެހުން ދޫކޮށްލައި ދުޢާ ކުރުމަށް މައުމޫމުން މަޝްޣޫލުވެގެން ނުވާނެއެވެ. އެހެނީ ޚުތުބާ ކަނުލައި އަޑުއެހުމަކީ ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. އަދި އެވަގުތު ވާހަކަ ދައްކައި އެހެން ކަންކަން ކުރުންވެސްވަނީ ނަހީކުރައްވާފައެވެ. އަދި މައުމޫމުންނަށް އޮތީ، އިމާމު މީހާ ޚުޠުބާގައި ކުރާ ދުޢާއަށް އާމީންކިޔައި އެދުޢާގައި ބައިވެރިވުމެވެ. އަދި ހުކުރު ނަމާދުގެ ސަޖިދައިގައި ދުޢާކޮށް، ސަލާމް ދިނުމުގެ ކުރިން އައްތަޙިއްޔާތަށް ފަހުގައި ދުޢާކުރުމެވެ. އަދި އެއާކު ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށް ފަހުގައި އޮންނަ ވަގުތު ތަކުގައި ދުޢާކޮށް ޒިކުރުކޮށް ހެދުމަކީ، އެދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަގުތު ހޯދަން އެދޭމީހާއަށް އެންމެ އައުލާވެގެންވާ ގޮތެވެ.

މައުލޫމާތު: ޝެއިޚް ޙަސަން މޫސާ ފިކުރީގެ ލިޔުއްވުމަކުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close