ޚަބަރުކުޅިވަރު

18 އަހަރަށްފަހު ބާއްވާ ކަޕް ވިނާސް ކަޕްގެ ފައިނަލަށް މާޒިޔާއާއި ނިއު ރޭޑިއަންޓް ދަތުރުކޮށްފި

18 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަލުން ބާއްވަން ފެށި ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގަތައް ދިވެހި ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ.

މި ދެ ޓީމުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. އެގޮތުން މާޒިޔާއިން ފައިނަލުގެ ޖާގަ ޔަގީންކުރީ ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އަރީން އަބްދުﷲ އިބްރާހީމްގެ ލަނޑުން ބުރުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު އިބްރާހީމް އައިސަމްއާއި ބެންޖަމިން ތޯމަސް ކޫކޫ ޖެހި ލަނޑުތަކާއެކު މާޒިޔާއިން ވަނީ ނަތީޖާ އަނބުރާލާފައެވެ.

އަނެއްކޮޅުން ނިއު ރޭޑިއަންޓުން ފައިނަލަށް ދަތުރުކުރީ އޮޑި ސްޕޯޓްސް ކްލަބުގެ މައްޗަށް 5-3 އިން ކުރިހޯދައިގެންނެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ބްރެޒިލް ފޯވަޑް ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ ހެޓްރިކެއް ފުރިހަމަކުރިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ އީތަން އިބްރާހީމް ޒަކީއާއި އަމްދާން އަލީ (އެންޑީ) އެވެ. އޮޑި ކްލަބުގެ ލަނޑުތައް މެޗުގެ ފަހުކޮޅު ކާމިޔާބުކުރީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި މުޒަދާން ހަސަންގެ އިތުރުން މުހައްމަދު ސަހާއު (ބޭލް) އެވެ.

ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާއާއި، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓްގެ އިތުރުން ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ވާދަކުރާ މި މުބާރާތަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޝަރަފުވެރި މުބާރާތެކެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މި މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ހަވީރު އޮޑި ނުކުންނާނީ ބުރާ ދެކޮޅަށެވެ. އަދި އެރޭ މާޒިޔާއާއި ނިއު ރޭޑިއަންޓް ބައްދަލުކުރާނެއެވެ. މާޒިޔާއާއި ނިއު ރޭޑިއަންޓް ވާދަކުރާ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close