ވޮއިސް އޮފް ޗިލްޑްރެން އިން ބޭއްވި އެއްވުން ރޫޅާލައިފި
ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގެ މަގުމަތީގައި ވޮއިސް އޮފް ޗިލްޑްރެން އިން ބޭއްވި އެއްވުން ރޫޅާލައި ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ އެއްވުން އިންތިޒާމްކުރި ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުންނާއި ފުލުހުންވެސް ވަނީ މިކަން ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އެއްވުމެއް ކުރިއަށްގެންދިޔަ ބަޔަކަށް ނަސޭހަތްތެރިވުމުންވެސް އެއްވުން ކުރިއަށް ގެންގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާނެކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ފިރިހެނުންނާއި 3 އަންހެނުންނެވެ.
ވޮއިސް އޮފް ޗިލްޑްރެންއިން ޖިންސީ ގޯނާއާއި ދެކޮޅަށް އަޑުއުފުލާ ޚިޔާލުފާޅުކުރުމަށް ކުރިއަށްގެންދިޔަ އެއްވުން ފުލުހުން ރޫޅާލާފައިވާކަމަށާއި އެއްވުމުގެ ހުރިހާ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެޖަމިއްޔާއިންވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.


