ރަންމުތުގެ ފަރުބަދަ (3ވަނަ ބައި)
އެދުވަހަށް ފަހުގައި ހިތަށް ވެރިވަމުންދާ ފިކުރަކީ
ވެދުމަކަށް މުޅި ޖާނުދީ ގެންވިޔަސް ހާސިލުކުރުން
މާލުނެތް ކަމުގައި ވިޔަސް ހާލުނެތި ބާކީވިޔަސް
” ލާލު އެބިބީ” ހޯދުމަށް ސާލުއެއަޅާ ވަޢުދުވިން
ޒާހިރާގެ ޚިޔާލުގައި މުޅިދުވަސްތައް ވޭތުވީ
މާހިމޭން މެހެފިލުތަކުން ފެނިލުމަށް އެދެވޭ ކަމުން
ހިތުތެރޭގައި އޮތްގޮތެއް އަންގައިލުމަށް ލިޔެސިޓީ
މިތުރާގެ ނަން ލިޔެލަމުން ފޮނުވައި މަލީ ޕޯސްޓަކުން
ހިތްއެކީގައި ހުޅުވިގެން ފޮޅެވުނީ އުފަލުންއެރޭ
ހިތްއެދޭފަދަ ޖަވާބެއް ޒާހިރާ ފޮނު ވާލުމުން
“ޒާހިރާ ބޭނުންވަނީ ރޭދުވާވެސް އެކުގަވާން
ޒާހިދުގެ ކައިރިން ތެދޭ ވާނެހެންއަދު ވަކިނުވާން
މުޅި ދުނިޔެއަށް ޖަދަލުކޮށް ގެންވިޔަސް ވޭތޯބަލާ
މުޅިހިތާ ޖާނާމަގޭ ޒާހިދަށް ހަދިޔާކުރަން
ޒާހިދުގެ ހިތް ތިރިކަމާ ވާހިތުގެ ސާބިތުކަމާ
ޒާހިރާއަށް ދެނެވުމުން ދާނަމޭއެކު ދާހިތުން
ލޯބިވާ ޔާރާއި އެކު ކަނޑު ހުރަސްކޮށް ފެތުމަކަށް
ލޯބި ހިތުގައި ޝައްކުކޮށް ގެންނުވާކަން ދަންނަވަން”
ފަހެސިޓީ ނިންމާލަމުން އޮތް ޢިބާރާތް ފެނިލުމުން
ގަހެކެ ލަދުވީ ލަށްމިސާ ހެވުނެ ރަކިވެސް ވީކަމުން