ކުލަ ރީތި މާ
މަލުންފެނުނަސް ނިކަން ފަރިކަން ވަރަށް ވިހަގަދަ ކަމަށްބުނެޔޭ،
މަލުގެޒާތުން އަޅައިގަތަކަސް ވަރަށް ސުންޕާ ކަމަށްބުނެޔޭ.
ނިކަން ބީހޭ ހިތުން ހުއްޓަސް އެއާގާތްވުން ނުރައްކަލެކޭ،
މިކަން އެގޮތަށް ކުރުން ބިރުވެރި ކަމެއްކަމުގައި ކަތުންބުނެޔޭ.
އެމަލުގައި ހުންނަ ގިނަކުލައިން އެއަށްތިޔަހިތް ދަމައިގަތަކަސް،
އެމަލުގައިވާ އެތާސީރުން އެއާގާތްނުވެ އުޅެންބުނެޔޭ.
މިމާވައްތަރު ވެފައިއޯކިޑު މަލާއެއްގޮތް ވިޔަސްއެގޮތުން،
މިމާއަޅަނީ ވެލެއްގައިކަން ހަނދާނަށް ގެނައުމަށް ޖެހެޔޭ.
ވެލަށް ލިބިފައިވި ޚާއްޞަކަމެއް ފަތުގެކުރި ގޮސް އޮޅައިލާކަން،
ވެލަށް ހަކިހިފި އަރާގޮތްފެނި ޢަޖައިބެއްފަހެ ނުވޭހެއްޔޭ.
ގުލޯރިލިލީ އަކީބޭހެއް ޙަކީމީބޭހުގައި ހިމެނޭ،
ފުލޯކުނުވާ މިއީބަހެކޭ ޙަކީމުންހަމަ އެކަންދަނެޔޭ.
މިޔަށްކިޔައޭ ވަރަށް ގިނަނަން މަލުގެ ކުލަޔާއި ގުޅުވައިގެން،
މިޔަށް އަލިފާން ލިލީކިޔައޭ އެކަން ގިނަގޮތްގޮތުން އެނގެޔޭ.
ވެލަށް ދިވެހިން ކިޔާއުޅެނީ ވިހަލަގޮނޑިއޭ ނަމުން ބުނެވޭ،
ވެލަށް މިގޮތަށް މިނަން ދެވުނީ ވެލުގެ ‘ލަގޮނޑިން’ ކަމަށް ބުނެޔޭ.
މިމާ ޒިންބާބުވޭ ޤައުމީ މަލަށްވީތީ ޤަދަރުލިބުމުން،
ޙިމާޔަށް ކުރެވި ޤައުމީ މާ އެތަނުގައި ހާދަހާ ގިނަޔޭ.