ކެނދިކުޅުދޫގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ތަޢާރަފްކޮށްފި
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ.ކެނދިކުޅުދޫގައި އޭޓީއެމް ގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ކެނދިކުޅުދޫގައި ރަސްމީކޮށް އިފްތިތާހު ކުރީ، އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށުކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ އިއްޒަތްތެރިންނާއި، ރައްޔިތުންގެ ގިނަބަޔަކު ބައިވެރިވިއެވެ.
އެންމެ ޒަމާނީ އޭޓިއެމް އަކާއި އެކު ކެނދިކުޅުދޫ ރައްޔިތުންނަށާއި، ވިޔަފާރިތަކަށާއި، އިގްތިޞޯދަށް ފައިދާވާނެ މަގެއް ސަރުކާރުން ފަހިކޮށްދެއްވީތީ އުފާ ކުރާކަމަށާއި، އެކަމަށްޓަކައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ޝުކުރުއަދާކުރާކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެއެވެ. .
ބީއެމްއެލް އިން ބުނީ، ކެނދިކުޅުދޫގައި ތައާރަފް ކުރި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފްކުރީ، ނ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމެންޓްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ކަމަށެވެ. މިއީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގެ ހިދުމަތް ފުޅާކޮށް، ބޭންކުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އިއުލާންކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ފެށި ހިދުމަތެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި 34 ބްރާންޗާއި، 84 އޭޓީއެމް އާއި، 26 ސެލްފް ސާވިސް ބޭންކިން ސެންޓާރ ގާއިމްކޮށްފައެވެ.
