ޚަބަރު

އެމްޑިއެންގެ އިސްމީހުން ފުލުހަށް ޙާޒިރު ކުރަނީ

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙްޤީޤަށް އެޖަމާޢަތުގެ އިސްފަރާތްތައް ފުލުހަށް ޙާޒިރުކުރުމަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވައިފިއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙްޤީޤާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ މިމައްސަލާގައި ތަޙްޤީޤަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އެގޮތުން މިމައްސަލާގައި ފުލުހުންގެ ތަޙްޤީޤަށް ހާޒިރުކޮށް ސުވާލުކުރަން ފުލުހުން ބޭނުންވާ ފަރާތްތަކާއި ސުވާލުކުރުމަށްޓަކައި ފުލުސް އޮފީހަށް ހާޒިރުވުމަށް އެފަރާތްތަކާއި ޗިޓް ހަވާލުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނަމަވެސް މިމައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ކިތައް މީހުންނަށްކަމެއް، އަދި ހާޒިރުވާން އަންގާފައިވަނީ ކޮންދުވަހަކުކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަޔަކީ ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލަޔަކަށްވުމުން މައްސަލަ ކުރިއަށްދާވަރަކުން މަޢުލޫމާތު ހާމަކުރަމުން ދާނެކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަ ބެލުމުގައި ވަކިކޮޅަކަށް ނުޖެހި ފުލުހުން އެމައްސަލަ ބަލާނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ކޮމިޝަނާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މި މައްސަލަ ބައްލަވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމްޢިއްޔާ ސަސްޕެންޑްކޮށް، ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެޖަމްޢިއްޔާއަށްވަނީ އަންގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close