ޚަބަރު

ލިބުނު އާމްދަނީގެ ދެގުނައަށްވުރެ ދައުލަތުގެ ޚަރަދުތައް ބޮޑުވެއްޖެ

ލިބުނު އާމްދަނީގެ ދެގުނައަށްވުރެ ދައުލަތުގެ ޚަރަދުތައް ބޮޑުވެއްޖެކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް ދެގުނައަށްވުރެވެސް އިތުރެވެ. މި ތަފާސް ހިސާބުގައިވާގޮތުން އާމްދަނީއާއި ހިލޭ އެހީގެގޮތުގައި ދައުލަތަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި މުއްދަތުގައި ހަރަދުތައް އުޅެނީ 17.1 ބިލިއަން ރުފިޔާގައެވެ.

ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ ހަރަދުކުރެވުނު ނިސްބަތުން ބަލާނަމަ 69 އިންސައްތައެވެ. ބާކީ 31 އިންސައްތަ ހަރަދުކޮށްފައިވަނީ ކެޕިޓަލް ހަރަދުތަކަށެވެ. ރިކަރަންޓް ޙަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޙަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި، އެލަވެންސްތަކާއި، ޕެންޝަންއަށެވެ.

މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ 8.8 ބިލިއަން ރުފިޔާގައި އުޅޭއިރު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކްސްގެ ގޮތުގައި ދައުލަތައް 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތަށް 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި މި މުއްދަތުގައި 188.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އާމްދަނީގެ ގޮތުގައި 81 އިންސައްތަ ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ ޖުމްލަ 3 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 2.5 ބިލިއަން ރުފިޔާއެވެ. މީގެއިތުރުންވެސް ޓީޖީއެސްޓީ، އިމްޕޯޓް ޑިއުޓީ ގްރީން ޓެކްސް، އިންކަމް ޓެކްސްއިންވެސް ދައުލަތަށް ވަނީ އާމްދަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close