18 އަހަރު ނުފުރޭ ކުއްޖަކު މަސްތުވާތަކެއްޗާއެކު ވެލިދޫން ހައްޔަރުކޮށްފި
ނ. ވެލިދޫގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި، ތުހުމަތުގައި 18 އަހަރުން ދަށުގެފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮގަސްޓް މަހުގެ 30 ވަނަ ދުވަހުރޭ ހިންގި އޮޕަރޭޝަނުގައި އެކުއްޖާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.
ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރިޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނީ 52 ގްރާމެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމައްސަލަަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

