އިތުރު 104 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖޭން ކޮވިޑް-19 އަށް އިތުރު 104 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭ މާލެ ސަރަޙައްދު 102 މީހަކާއި، އަތޮޅު ތެރޭއިން 2 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި މީހުން ތެރޭގައި ހިމެނެނީ 76 ދިވެހިންނާއި، ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 5 މީހެއްގެ އިތުރުން ނޭޕާލުގެ އެކަކެވެ. 130 މީހަކު އަލަށް މި ބަލިން ރަނގަޅުވެފައިވާއިރު، ރާއްޖޭން ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޢަދަދު މިހާރު ވަނީ 4691 އަށް އަރާފައެވެ.
ރާއްޖޭގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2610 އަރާފައިވާއިރު، 1434 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު 180 އަށް ވަނީ އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1190 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 108099 އެވެ.


