ރާއްޖެއިން އިތުރު 178 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 178 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 176 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 2 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 141 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 10 މީހަކާއި ސްޕެއިންގެ 2 މީހެކެވެ.
މިވަގުތު 2636 މީހަކު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުން އެބަދެއެވެ. އޭގެތެރޭގައި ހިމެނެނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ 1458 މީހަކާއި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 162 މީހެކެވެ. އެހެންނަމަވެސް އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކާ އަޅާބަލާއިރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު މިވަނީ ދަށްވެފައެވެ. އެގޮތުން މިއަދަދު 173އިން 162އަށް ވަނީ ދަށްވެފައެވެ.
އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުން ޖުމްލަ ޢަދަދު މިހާރު މިވަނީ 7225 އަކަށް އަރާފައެވެ. ބުދަދުވަހު އިރުއޮއްސި 18:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، މި ބަލިން ރަނގަޅުވެފައިވަނީ 122 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4561 އަކަށް އަރާފައެވެ.

