ޚަބަރު

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 144 މީހުން

 މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 144 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ރަށްރަށުން ޕޮޒިޓިވްވި 72 މީހަކު ހިމެނޭހެން އިތުރު 144 މީހުން މިއަދު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 191 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 144 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 36 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 72 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 36 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76،332އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް މާބޮޑަށް އިތުރުނުވެ ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދު 2500އަށްވުރެ ދަށަށް ދިއުމަށްފަހު މިހަފްތާތެރޭގައި މިވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެގޮތުން މިހާރު ޖުމްލަ 2،571 މީހުން އަންނަނީ ބަލީގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 12 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 191 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73،531އަށް އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6138 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 199 ދިވެހިންނާއި 19 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close