ޚަބަރު

ބަންދުކޮށްފަ ހުންނަ ކާބޯތަކެތިން ކޮވިޑް ފެތުރޭކަމުގެ އެއްވެސް ހެއްކެއް ނެތް – ޑަބްލިއުއެޗްއޯ

ބަންދުކޮށްފަ ހުންނަ ކާބޯތަކެތިން ނުވަތަ އެފަދަ ޕެކޭޖިންގެ ޒަރިއްޔާއިން ކޯވިޑް-19 ފެތުރޭކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

ބުރެޒިލުން އެތެރެކުރި ގަނޑުކުރި ކުކުޅުގައާއި އެކުއިޑޯއިން އެތެރެކޮށްފައިވާ ސީފުޑު ބަންދުކޮށްފައިވާ ޕެކޭޖިނުން ކޯވިޑް-19 ޖައްސާ ވައިރަސް ފެނިފައިވާކަމަށް ޗައިނާގެ ދެ ސިޓީއަކުންވަނީ ބުނެފައެވެ. އެއާއެކު ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކެޖީންގެ ޒަރިއްޔާއިން ބަލިފެތުރިދާނެކަމުގެ ކަންބޮޑުވުން އިތުރުވިއެވެ. އެކަމާގުޅެ ގޮތުން ބުރެޒިލުގެ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ހޯދުންތަކާގުޅޭ ގޮތުން އިތުރަށް އޮޅުންފިލުވަންޖެހޭ ކަންކަން ސާފުކުރަމުންދާކަމަށެވެ. އެކުއިޑޯއިން ބުނީ އެ ޤައުމުގައި މުދާ ބަންދުކޮށް ބޭރުކުރަނީ ހަރުކަށި އުސޫލުތަކެއްގެ ދަށުންކަމަށާއި އެ ތަކެތި ޤައުމުން ބޭރުވުމަށްފަހު މުދަލަށް ވާ ގޮތުގެ ޒިންމާ އެ ޤައުމަށް ނުނެގޭނެކަމަށެވެ.

ޑަބްލިއުއެޗުއޯގެ ކުއްލި ނުރައްކަލާބެހޭ އިސްވެރިޔާ މައިކް ރަޔާން ވިދާޅުވީ ކާބޯތަކެއްޗާއި އެ ތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިންއާއި ކާބޯތަކެތި ތައްޔާރުކުރުމާއި ޑެލިވެރީ ސަބަބުން ކޯވިޑް-19 ފެތުރުމާމެދު ކަންބޮޑުވެ ބިރުގަންނަން ނުޖެހޭކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ތަކެތީގެ ސަބަބުން ބަލި ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށެވެ.

ޑަބްލިއުއެޗުއޯގެ ގައިންގަޔަށްއަރާ ބަލިތަކާބެހޭ މާހިރެއްކަމަށްވާ މާރިއާ ވޮން ކާޚޮވް ވިދާޅުވީ ކާބޯތަކެތި ބަންދުކޮށްފައި ހުރި އެތައް ހާސް ޕެކެޖިންއެއް ޗައިނާއިން ތަހުލީލުކޮށްފައިވާކަމަށާއި އޭގެ ތެރެއިން ވައިރަސް ފެނިފައިވަނީ ވަރަށް މަދުންކަމަށެވެ. ވައިރަހުގެ އަސަރު ފެނުނު ޕެކެޖިންގެ ޢަދަދު 10އަކަށްވުރެ މަދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close