ޚަބަރު

އަދީބުގެ މައްސަލަތައް ބޭރުކޮށްލި ޤާޟީ ސަސްޕެންޑްކޮށްފި

ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްސަލަތައް ބޭރުކޮށްލެއްވި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، 2 މަސްދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

މިކަން ހާމަކުރައްވައި ޖުޑީޝަލް ސަރވިސްކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވެފައިވަނީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އޭނާ ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާތީކަމަށެވެ.

މިފިޔަވަޅު އެޅުއްވީ، އެމައްސަލައިގެ ބާވަތަށާއި، އެމައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، މި މައްސަލަ ތަޙުޤީޤުކުރާއިރު ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

އެހެންކަމުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25ވަނަ މާއްދާގެ (ތ)އާއި (ލ)އާ ޙަވާލާދީ، ޤާޟީ އިސްމާޢީލް ރަޝީދު، ވަގުތީގޮތުން 2 މަސްދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާއިން ވަނީ ނިންމާފައިކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

މި މައްސަލާގައި ޤާޟީ އިސްމާޢީލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރެއްވިކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކުގެ ތަފްޞީލް މިމައްސަލަ ތަޙްޤީޤުކޮށް ނިމުމުން ޢާންމުކުރައްވާނެކަމަށްވެސް ޖޭއެސްސީން ވަނީ ހާމަކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close