ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކަމާދެކޮޅަށް އަޑުއުފުލައި އާންމުންގެ ބަޔަކު މާލޭގައި މުޒާހަރާކުރަން ފަށައިފިއެވެ.
މިއަދު ހަވީރު 16:00 ގައި ވަނީ ޖެންޑަރ މިނިސްޓްރީ ކުރިމައްޗަށް ގިނަބަޔަކު އެއްވެފައެވެ. އަދި ރާއްޖޭގައި ހިނގަމުންދާ މިބާވަތުގެ އެހެންކަންކަމާ ދެކޮޅަށްވެސް އެމީހުން ދަނީ އަޑުއުފުލަމުންނެވެ.
ނަމަވެސް މާގިނަ އިރުތަކެއްނުވެ ފުލުހުންވަނީ ޖެންޑަރ މިނިސްޓްރީ ހުންނަ ބިއްލޫރިޖެހިގޭ ކުރިމަތީ ތިބި މީހުން މަޖީދީ މަގު އަލިކިލެގެފާނު މަގާވީ ހަތަރު އަނގޮޅިއާ ހަމައަށް ފަހަތަށް ޖައްސާފައެވެ.
ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ އަނިޔާކުރިކަމަށް ހުށަހެޅި މައްސަލަ، އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.
މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް މިމައްސަލަ ބަލަން ފަށާފައިވާއިރު، އެމައްސަލައާ ގުޅިގެން ސީންއަށް ދިޔަ ފުލުހުންނާއި އެވަގުތު ސްޓޭޝަން އިންޗާޖަކަށް ހުންނެވި ފުލުސް އޮފިސަރާއި މާދަމާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓިން ވަނީ ނިންމާފައެވެ.

