800 މިލިއަން ޑޮލަރުގެ ވަގުވިޔަފާރި މައްސަލަ އަނެއްކާވެސް ބަލަން ނިންމައިފި
2009 ވަނައަހަރު ، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރި 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ރިވިއު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
އޭސީސީ އިން ރޭ ވިދާޅުވީ މައްސަލައަކީ، 11 މޭ 2011 ވަނަ ދުވަހު އޭސީސީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަޙުޤީޤުކުރަން ފެށި މައްސަލައެއް ކަމަށެވެ. އަދި، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދެވޭވަރަށް މަޢުލޫމާތު ނެތްކަމަށް 2018 މޭ 8 ގައި ކަނޑައަޅައި، މައްސަލަ ފައިލްކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭސީސީ އިން ވިދާޅުވިއެވެ.
ނަމަވެސް މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާކަން މަޢުލޫމާތައްޓަކައި ދަންނަވާ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
އޭސީސީ އިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިލިމާލޭ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ފަދައިން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އޭސީސީ އާއި ޙަވާލުކޮށްފައިވާ ކަމަށާއި އެ ލިޔުންތައް މިހާރުވެސް ކޮމިޝަނުގައި ހުރިކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތެލުގެ ވަގު ވިޔަފާރީގެ ތުހުމަތު ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުއެވެ. އޭރު އެމްޑީޕީގެ ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ތެލުގެ ވަގު ވިޔަފާރި އެސްޓީއޯގެ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް ރައީސް ޔާމީން ކުރައްވާފައި ވެއެވެ.
ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އަދި އޭގެ ފަހުން އެތައް ފަހަރަކު ރައީސް ޔާމީން ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި އެވިޔަފާރި ކުރެއްވިކަން ސާބިތު ކޮށްދެއްވައިފިނަމަ އެކަން ސާބިތުކޮށްދެއްވި ފަރާތަކަށް 400 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.


