ޚަބަރު

ރައީސްކަމަށް ކުރިމަތި ލުމާމެދު އަދި ސީރިއަސްކޮށް ނުވިސްނަން – ޑރ.ވަހީދު

ރައީސްކަމަށް ކުރިމަތި ލުމާމެދު އަދި ސީރިއަސްކޮށް ވިސްނާވަޑައި ނުގަންނަވާ ކަމަށާއި އެކަމަކު ޕީޕީއެމް އާއި ޕީއެންސީން އެދިއްޖެނަމަ ރައީސް ކަމަށް ކުރިމަތިލުމާއި މެދު ސީރިއަސްކޮށް ވިސްނާވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އެކުވެގެން އުފައްދާފައި އޮންނަ ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ރައީސް ވަހީދު އައްޔަން ކުރެއްވުމުން އެމަނިކުފާނު ވަނީ ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އެބައޮތް ކަމަށެވެ.

“އަޅުގަނޑު ސީރިއަސްކަމާއި އެކު (ރައީސް ކަމަށް ކުރިމަތިލާކަށް) ނުވިސްނަން. އަޅުގަނޑު މިހުރީ ވަރަށް އުފަލުން. އިތުރު އުފަލެއް ހޯދަން އެކަން ކުރާކަށް ނުޖެހޭ. ކޮންމެ ހާލަތެއްގައި ނަމަވެސް އަޅުގަނޑު ރިޔާސަތުގައި ވެސް ހުރެއްޖައިން. އެތަޖުރިބާ ވެސް ލިބިއްޖެ. އެއީކީ އެހައި ބޮޑު ކަމެއް ނޫން އަޅުގަނޑަކަށް. އެހެންނަމަވެސް ޕާޓީން އެކަމަށް އެދިވަޑައިގެންފިއްޔާ އެކަމާއި ދޭތެރޭ ނުވިސްނާނެ ވާހަކައެއް ނުދަންނަވާނަން.” ރައީސް ވަހީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އެބައޮތް ކަމަށް ރައީސް ވަހީދު ވިދާޅުވުމުން ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

އަދުރޭ އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް މަތީ ކޯޓަކުން ބާތިލް ނުކުރަނީސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ރައީސް ޔާމީނަކަށް ނެތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close