އެޕްސްޓީންއާ ގުޅުން އޮތް ކަމުގެ ތުހުމަތާ އެކު، ކުރީގެ ރައީސް ވަހީދު އިސްތިއުފާ ދެއްވައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ކަމަށް ބުނާ މެއިލްތަކެއް އާންމުވުމާ ގުޅިގެން، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެއިލްތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް މަޝްރޫއުތަކާ ގުޅޭގޮތުންނާއި، އެ މަނިކުފާނުގެ ފޮތެއް ނެރުމަށް ފައިސާ ހޯދުމަށް އެޕްސްޓީންގެ އެހީތެރިކަމަށް ވަހީދު ވަނީ އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެޕްސްޓީންއާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވީ އިގްތިސޯދީ މަޝްވަރާތަކެއް ކުރުމަށް ރަސްމީ ހައިސިއްޔަތުން ކަމަށެވެ. އަދި އެ ބައްދަލުވުންތައް ބޭއްވިއިރު އެޕްސްޓީންގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ތުހުމަތުތަކުގެ މައުލޫމާތު ސާފުވެފައި ނެތް ކަމަށާއި، އޭނާއާ އެކު އެއްވެސް މާލީ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި މެއިލްތަކުގައި، ފުއްގިރި އާއި އިންނަހެރާ މަޝްރޫއުގެ އަދާހަމަތައް ހިއްސާކޮށް، އެ ރަށްތައް ތަރައްގީކުރުމުގައި އެޕްސްޓީން މެދުވެރިކޮށް ރަޝިއާ އާއި މެދުއިރުމަތީގެ ވިޔަފާރިވެރިން ހޯދުމަށް މަޝްވަރާކޮށްފައިވެއެވެ. މި މައްސަލަ ހޫނުވެފައިވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓީންގެ މެއިލްތައް ހިމެނޭ ފައިލްތައް އާންމުކުރުމާ ގުޅިގެންނެވެ.