ޚަބަރު

ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްތަކަށް 300 މިލިއަން ރުފިޔާ ދޫކޮށްފި

މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް ކޯވިޑް-19 ރިކަވަރީ ލޯން ސްކީމްތަކަށް، ބޭންކުތަކަށްވަނީ 300 މިލިއަން ރުފިޔާ އާއި އަދި އިންކަމް ސަޕޯޓް ސްކީމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް މިހާތަނަށް ދެ މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ “ވީކްލީ ކޯވިޑް-19 ސްޕެންޑިން” ރިޕޯޓުގައެވެ. އެރިޕޯޓްގައިވަނީ އިކޮނޮމިކް ރިލީފް ޕެކޭޖަށް ފައިސާ ދޫކުރަމުންދާގޮތުގެ ތަފްސީލްތައް ހިމަނާފައެވެ

އިކޮނޮމިކް ރިލީފް ޕެކޭޖަކީ ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖުގެ ތެރޭގައި ހިމެނޭ ފައިސޭގެ އެހީތަކުގެ ސްކީމްތަކަށް ޚަރަދުކުރަމުންދަނީ ކޯވިޑް-19 ޓްރަސްޓު ފަންޑުންނެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭން ކަނޑައެޅި އިނާޔަތް 364 މީހަކަށް ވަނީ ދީފައެވެ. އެގޮތުން އެފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 1.5 މިލިއަން ރުފިޔާއަށް އަރައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ ޢިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސްދުވަހު، މަހަކު ފަސް ހާސްރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިކޮނޮމިކް ރިލީފްޕެކޭޖުގެ ތެރެއިން ފެންބިލާއި ކަރަންޓު ބިލުން، 59.9 މިލިއަން ރުފިޔާ ޑިސްކައުންޓުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވަނީ މިކަމާއި ގުޅޭ ތަފްސީލްތައްވެސް ހިމަނާފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނާއި، އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ މެދުވެރިކޮށް، 46،417 ގޭބިސީއެއްގެ ފެންބިލްތަކަށް 10.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ހަމަ އެކުންފުނިތައް މެދުވެރިކޮށް ދޭ ކަރަންޓުގެ ޚިދުމަތުން 92588 ގޭބިސީއެއްގެ ކަރަންޓް ބިލަށް 49.7 މިލިޔަން ރުފިޔާ މިހާތަނަށްވަނީ ޚަރަދުކޮށްފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާއްމު ދިރިއުޅުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއްދިނުމަށް ސަރުކާރުންވަނީ ކަރަންޓު ބިލުން %40 އަދި ފެން ބިލުން %30 އުނިކުރުމަށް ނިންމާފައެވެ. ސަރުކާރުން ސަބްސިޑައިޒްކޮށް އަގުހެޔޮ ބިލް ގޭގެއަށް ފޮނުވުމަށް ނިންމީ މޭމަހާއި ޖޫންމަހުގެ ބިލުންނެވެ.

ވިޔަފާރިތަކަށް ޙާއްސަ ރިކަވަރީ ލޯން ސްކީމަށް ބަލާލާއިރު، ބޭންކް އޮފް މޯލްޑިވްސްއިންވަނީ 183 ފަރާތަކަށް 206.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި އެސްޑީއެފްސީއިން ވަނީ 465 މީހަކަށް 48.1 މިލިއަން ރުފިޔާ ދޫކޮށްފައިކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވެއެވެ.

ކޯވިޑް-19ގެ ޙާލަތުގައި ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާއިރު މިދަނޑިވަޅުގައި ވިޔަފާރިތައް ބަނގުރޫޓުވުން ހުއްޓުވުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް ހުށައެޅޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިލޯނަކީ 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ދޫކުރާ ލޯނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close