ކޮވިޑްބަލީގެ ނުރައްކާތެރި ޙާލަތުގައި ތިބީ 54 މީހެއް – މަބްރޫކް
ރާއްޖެއިން ކޯވިޑް 19 ފެނުނުތާ މިއަދަށް 85 ދުވަސްވެފައި ވާއިރު އަދި މިބަލި ޖެހުނު 1264 މީހުންނަށް ފަރުވާދެމުންދާއިރު ބަލީގެ ނުރައްކާ ބޮޑުކޮށް ތިބީ 54 މީހުން ކަމަށް ކޮވިޑް-19 އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
މަބްރޫކް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 ބަލި މީހަކީ އުމުރުން 65 އަހަރުން މަތީ މީހުން ކަމަށާއި، 43 ކުދިން އެއީ ދިހަ އަހަރުން ދަށުގެ ކުދިން ކަމަށެވެ. އަދި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 54 މީހުންނަކީ އެކި އެކި ބަލި ތަކުގައި ދިގު މުއްދަތަކަށް ބޭސް ކުރަމުން އަންނަ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ ކޮލެސްޓްރޯލް ހުންނަ މީހަކު ވެސް ހިމެނެ އެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ މިހާރު ހޮސްޕިޓަލުގައި 13 މީހަކަށް ފަރުވާ ދެމުނުް އަންނައިރު އެ އެންމެން ވެސް ތިބީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އަދި އެތަނުން ދެ މީހަކަށް އަސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި މިވަގުތު ވެންޓިލޭޓަރުގައި އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ.

