ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދޫއަށް ފަށައިފި

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދޫއަށް ރަސްމީކޮށް ފަށައިފިއެވެ.

މިއީ ސަރަހައްދީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި ހިދުމަތެއްކަމަށް މޯލްޑިވިއަނުން ބުންޏެވެ. ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 999 ރުފިޔާއެވެ.

މި ހިދުމަތް ފެށުމާ ގުޅިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، މިއީ ރަށާއި ދާއިރާގެ ތަރައްޤީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މިކަމުގައި އޭނާގެ ބޮޑު ހިއްސާއެއް އޮންނާނެ ކަމަށެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މި ދަތުރުތަކުގެ ސަބަބުން ނ. އަތޮޅަށް ދަތުރުފަތުރު ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބި، އެ ސަރަހައްދުގެ ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެގެންދާނެއެވެ.

މި އާ ދަތުރުތަކަކީ ނ. އަތޮޅުގެ ރަށްތަކުގެ ސަގާފަތާއި ރީތިކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ވެލިދޫގެ އިތުރުން މޯލްޑިވިއަނުން މިހާރުވެސް ބައެއް ރިސޯޓުތަކަށާއި ބ. ކަމަދޫ އަދި ފުޅަދޫއަށް ސީޕްލޭންގެ ހިދުމަތް ދެމުންދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close