މާލޭގެ ބައެއް ސަރަޙައްދުތަކުގައި އިޖްތިމާޢީ ގައިދުރު ކުރުމުގެ ފާހަގަތަކެއް ޖަހައިފި
ކޮވިޑް-19 ގެ ނުރައްކަލުން ރައްޔިތުން ސަލަމާތް ކުރުމުގެ ގޮތުން އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅެއްގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވަމުންގެންދަވާ އިޖްތިމާއީ ގައިދުރު ކުރުމުގެ މިންގަނޑުތައް އަންގައިދޭ ފާހަގަތަކެއް މާލޭގެ ބޮޑެތި ބައެއް ފިހާރަތައް ކައިރީގައި ޖަހައިފިއެވެ.
އިޖްތިމާއީ ގައިދުރުކަމަށް އާންމުންދޭ ސަމާލުކަން އިތުރުކުރުމަށް ފިހާރަތަކުގެ ކިއުލައިންގައި ތިބެންވާ ތަންތަން އެނގޭނޭ ގޮތަށް ފާހަގަޖަހާފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.
މިއަދު އެކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިޖްތިމާއީ ގައިދުރު ކަމަކީ ކޮވިޑް-19 ވައިރަހުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށާއި، އިޖްތިމާއީ ގައިދުރު ކަމަށް އާންމުން އިތުރަށް ހޭލުންތެރި ކުރުވުމުގެ ގޮތުން މިހާރު ސިޓީ ކައުންސިލުން ވާނީ ބައެއް ކަންކަން ކުރުމަށް ފަށާފައި ކަމަށެވެ. އެގޮތުން މާލޭގެ ފިހާރަތަކުގެ ކައިރީގައި މީހުން އެއްތަނަކަށް އެއްވެގެން އުޅުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވާނީ ތިބެންވާ ތަންތަން ފާހަގަކޮށްފައި ކަމަށް އެ ޓްވީޓުގައި ވަނީ ފާހަގަކޮށްފައެވެ.
މާލޭ ސިޓީކައުންސިލުން މިފަދަ މަސައްކަތްތަކެއް ކުރަން ފައްޓަވާފައި ވާއިރު އަވަށްޓެރި ބައެއް ޤައުމުތަކުގައިވެސް މިފަދަ ފާހަގަތަކެއް މަގުތަކުގައި ޖަހާ އެޤައުމުތަކުގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 އަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިހާތަނަށް ރާއްޖެއިން އެކަނިވެސް މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 1000 އަށްވުރެ އިތުރިވެފައިވާއިރު، މި ބަލި ފަސޭހަކަމާއި އެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެތުރިންގެ ގޮސްފައި ވަނީ އިޖްތިމާއީ ގައިދުރު ކަމުގެ ގަވައިދުތަކަށް ބޯނުލެނބުމުން ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
