ހަމައެކަނި ކުރެވޭ އުންމީދަށްޓަކައެވެ.
އެއް ދުވަހަކު، ވަރަށް އެކުވެރި ރަޙުމަތްތެރި ދެ ހިމާރެއް މަގެއް ހުރަސް ކުރަނިކޮށް ބައްދަލު ވެއްޖެއެވެ. އެތަނުން އެއް ހިމާރުގެ ޞިއްޙަތު ވަރަށް ރަނގަޅެވެ. އަނެއް ހިމާރުވަނީ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޞިއްޙަތު ދެރަވެ އަނަރޫފަ ވެފައެވެ. ޞިއްޙަތު ރަނގަޅު ހިމާރު އަނަރޫފަ ވެފައިވާ ހިމާރު ގާތުން ސުވާލުކޮށް އަހައިފިއެވެ. “ކަލެއަށް ތިޔަވަނީ ކިހިނެއް ވެފައިހެއްޔެވެ؟ ތިޔަހައި ބަލިކަށިވެފައި ތިޔަވަނީ ކީއްވެގެން ހެއްޔެވެ؟”
އަނަރޫފަ ވެފައިވާ ހިމާރު ޖަވާބުދެމުން ބުނެފިއެވެ. “އަހަރެންގެ ސާހިބު މީހާ އަހަރެން ލައްވައި ދުވާލުގެ ހަތަރުދަމު ގަދަޔަށް މަސައްކަތް ކުރުވައެވެ. އަދި، ހަމައެހެންމެ ރަނގަޅު ކާނާއެއް ނުދޭތާނގައި އެވަރަށް ތަޅައި އަނިޔާ ވެސް ކުރެއެވެ.” ޞިއްހަތު ރަނގަޅު ހިމާރު އެކަމާ މެދުގައި ވަރަށްބޮޑަށް ޙައިރާން ވެގެން ބުނެފިއެވެ.
“ތިވަރު ކުރާއިރު ތިޔަގެއިން ނުކުމެގެން އެހެން ތަނަކަށް ނުގޮސް ތިއުޅެނީ ފަހެ ކީއްވެގެން ހެއްޔެވެ؟ “އަހަރެން އެ ގޭގައި މިހުންނަނީ ވަރަށް ފޮނި އުއްމީދެއްގައެވެ. ސާހިބުމީހާގެ ހުންނަނީ އެންމެ އަންހެން ދަރިއެކެވެ. އެ ދަރިފުޅަށް ވެސް އޭނާ ވަރަށް އަނިޔާކޮށް ހަދައެވެ. އަދި، އަނިޔާ ކުރަމުން ބުނެއެވެ. “ބަލަންހުންނާށެވެ. އެއް ދުވަހަކުން މިއޮތް ހިމާރާއި ކަލޭ ކައިވެނި ކުރުވާފައި މިގެއިން ބޭރު ކޮށްލާނަމެވެ.” އެހެންވެގެން އެ އުފާ ލިބުމުގެ ފޮނި އިންތިޒާރުގައި، އަނިޔާތަކަށް ކެއްކޮށްގެން ހުރެވެނީއެވެ.” ޙަޤީޤަތް އޮޅުންފިލުވައިދެމުން ބަލިކަށި ހިމާރު ޖަވާބުދިނެވެ.