އޮނަވިހި މަޢާފު
އޮނަވިހި މަޢާފު
އަހަރެންނަށް މަޢާފުކުރާށެވެ.
އަހަރެންނަށް ވަނީ ކުށްކުރެވިފައެވެ.
އަހަރެންނަށް މަޢާފުކުރާށެވެ.
އަހަރެން މިލިޔަނީ ހާސަރެއް ނޫނީ ވާހަކައެއް ނޫނެވެ.
އަހަރެން މި ލިޔަނީ ޙަޤީޤަތެވެ.
އަހަރެން މިލިޔަނީ ހިތުގައި ހިނގާ އިޙްސާސްތަކެވެ.
އަހަރެންގެ ޙާލް ތިބާއަށް އަންގަދޭ ނުސީދާ މެސެޖެކެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނަށް ތިބާ އާއި މެދު ދެރަބަހެއް ބުނެވުނީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނަށް ތިބާ ދިން ހެޔޮ ނަޞޭހަތް އަޑު ނޭހުނީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނާއި މެދު ތި ހިތުގައިވާ ކުލުނާއި މެދުގައި އިތުބާރު ނުކުރެވުނީތީއެވެ.
އަހަރެންނާއި މެދު ތިބާ އުފަލުން ހުރިކަން އިޙްސާސް ނުކުރެވުނީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނަށް ތިބާގެ އުފާތަކާއި މެދު ވިސްނާ ނުލެވުނީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނަށް ތިބާގެ އޯގާތެރިކަމާއި ހިތްހެޔޮކަމަށް ފުރަގަސް ދެވުނީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނާއި އެކުވީ ހަހުރަވެތި ވަގުތުގެ ހަނދާންތައް ފަނޑުކޮށްލެވުނީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނަށް ތިބާއަށް ޝައްކު ކުރެވުނީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނަށް ތިބާ ނުރެހޭ ބަހެއް އަދި ކަމެއް ކުރެވިފައި ވާނަމައެވެ.
އަހަރެން ވަގުތު ފާއިތު ނުވަނީސް މަޢާފަށް އެދިފީމެވެ.
އަހަރެންނަށް ލިބުނު މިނިވަންކަން ނަހަމަ ގޮތުގައި ހިފުނީތީއެވެ.
އަހަރެން މަޢާފަށް މިއެދެނީ ތަކުރާރުކޮށެވެ.
އަހަރެން ދެރަބަސް ބުނީ ތިބާ ދެރަކޮށްލާކަށް ނޫނެވެ.
އަހަރެން ބުނި ބަސްތައް ހިލާގައި އެޅުނު ރޮނގަކަށް ނަހަދާށެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންގެ ހިތުގައި ވި އުދާސްތައް ޝަކުވާގެ ރާގެއްގައި ބޭރުވީތީއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެން ޝަކުވާ ކުރާކަށް ޙަޤީޤަތުގައި ނުޖެހެއެވެ.
އަހަރެންނަށް މިއަދު އަސްލު ވިސްނިއްޖެއެވެ.
އަހަރެން މަޢާފަށް އެދެމެވެ.
އަހަރެންނާއި ތިބާގެ ދުނިޔެއަކީ މުޅިން ތަފާތު ދެ މަންޒިލެކެވެ.
އަހަރެންނަށް ތިބާ މަޢާފް ކުރި ކަމަށް ބުނެފާވެއެވެ.
އަހަރެން އެކަން ކަށަވަރު ކޮށްފީމެވެ.
އަހަރެން އަދިވެސް ތިބާގެ ކިބައިން މަޢާފަށް އެދެން ބޭނުންވެއެވެ.
އަހަރެންނާއި މެދު ތިބާ ހަމްދަރުދީ ވާކަމަށް ބުނެފާވެއެވެ.
އަހަރެން އެކަންވެސް ހިތުން ރުހުމުން ޤަބޫލުކުރަމަވެ.
އަހަރެންނާއި ވަކިނުވާނެ ކަމަށް ތިބާ ވަޢުދުވެފައި ވެއެވެ.
އަހަރެން އެ ވަޢުދު ހިތުގެ ފުންމިނުން ޔަޤީންކުރަމެވެ.
އަހަރެންގެ އުފަލާއި ހިތާމާގައި ތިބާ އެދުވަހު ބައިވެރިވެފައި ވެއެވެ.
އަހަރެން ވަނީ އެހެނަސް މިއަދު ތިބާއާއި އެކަހެރި ކުރެވިފައެވެ.
އަހަރެންނާއި ތިބާ އެއް ފަސްގަނޑެއްގައި ވީނަމަވެސް އެވެ.
އަހަރެންނާއި ތިބާގެ ވަށައިގެން ވަނީ ދުރުކަމުގެ ފަރުދާއެއް ލެވިފައެވެ.
އަހަރެން މިވަނީ ފުރަބަންދުކަމެއްގެ ތެރޭގައި ތާށިވެފައެވެ.
އަހަރެން މިވަނީ މުޅި ދުނިޔެއާއި އެކަހެރިވެ ބާކީކުރެވިފައެވެ.
އަހަރެންގެ އެކަނިވެރިކަމާއި ހަމަހިމޭން ކަމުގައި ބައިވާނެ މީހަކު ނެތެވެ.
އަހަރެންގެ ވަގުތުތައް ގުނަމުން މިދަނީ ބިރާސްކަމެއްގެ ތެރޭގައެވެ.
އަހަރެންގެ ކަރުނަތައް ދެކޭނެ ލޮލެއް ނެތެވެ.
އަހަރެންގެ ހިތުގެ ގިސްލުމުގެ އަޑު އިވޭނެ ކަންފަތެއް ނެތެވެ.
އަހަރެންގެ ވޭނީ ކެކުޅުންތައް އިޙްސާސް ކުރާނެ ހިތެއް ނެތެވެ.
އަހަރެންގެ ރިހެމުންދާ ހަށިގަނޑުގައި ފިރުމާލާނެ އަތެއް ނެތެވެ.
އަހަރެންގެ ޖިސްމާއި ފުރާނަ ވަކިވެދާކަށް މާގިނަ ވަގުތެއް ނެތެވެ.
އަހަރެންނަށް ތިބާ މަޢާފުކުރާށެވެ.
އަހަރެން އެދެނީ ޖަންނަތުގައި ތިބާ އާއި ބައްދަލުވާށެވެ.
އަހަރެން އެދެނީ ތިބާއަށް އުފާވެރި ޙަޔާތެއް މިންވަރުކޮށްދެއްވުމަށެވެ.
އަހަރެން އެދެނީ ތިބާ އަހަރެންގެ ހަނދާންތައް ތި ހިތުގައި ފޮރުވުމަށެވެ.
އަހަރެން އެދެނީ ތިބާއަށް އަހަރެންގެ ފުށުން މުސީބާތެއް ނުދެއްކެއުމަށެވެ.
އަހަރެން ތިބާއާއި އަލުން ބައްދަލުވާނެ ފުރުޞަތެއް ފަހަރުގައި ލިބިދާނެއެވެ.
އަހަރެންނަށް އޯގާތެރިކަމުގެ ކުޑަނަމަވެސް އިޝާރާތެއް ކޮށްލަދޭށެވެ.
އަހަރެންނަށް މަޢާފުކުރާށެވެ.
އަހަރެންނަށް ތަކުރާރުކޮށް މަޢާފުކޮށްދޭށެވެ.
އަހަރެންނާއި މެދު ހިތްބުރަ ނުކުރާށެވެ.
އަހަރެންނަށް ހިތްހެޔޮ ކުރާށެވެ.
އަހަރެންނަށް ހެޔޮދުޢާ ކޮށްދޭށެވެ.
އަހަރެންގެ ކަރުތެރެ ބެދެނީއެވެ.
އަހަރެންގެ ދިގުނޭވާތައް ކުރުވަނީއެވެ.
އަހަރެންގެ ޚަބަރު ތިބާ ކިޔާނީ މާދަމާ ނޫންކަމެއްވެސް ނޭނގެއެވެ.
އަހަރެންނަށް ތިބާ ވީއިރު، ހެޔޮހިތުން މަޢާފުކޮށްދޭށެވެ.
އަހަރެން ހިތާމަކުރަނީ ތިބާގެ ސިގްނަލެއް ނުލިބި ވަކިވެދާނެތީއެވެ.
އަހަރެން ބިރުވެތިވެ ހިތްދަތިވަނީ ފާފަތަކެއް ކުރެވިފައިވާތީއެވެ.
އަހަރެންނަށް މާތް ރަސްކަލާނގެ ޢަފޫކޮށްދެއްވާށިއެވެ.
އަހަރެންގެ މި އޮނަވިހި މަޢާފުން މަޢާފުކޮށްދޭށެވެ.
އާޅެމެއްދޯ މީ ޝާމިލު؟
ވަރަށް ސަޅި އިނގޭ