ދުޢާ އާއި ޛިކުރު – ސަޅި ވެބްސައިޓެއް
ނާރެސްގެ ކިޔުންތެރިންނަށް މިފަހަރު ގެނެސްދެނީ ގޭގައި ތިބެންޖެހިފައިވާ މިހިތްދަތި ދުވަސްތަކުގައި ފޫހިފިލުވައިލުމަށާއި، އަދި އެވަގުތުތައް އެންމެ އެދެވޭ ގޮތުގައި ހޭދަކޮށްލުމަށް ކުރެވޭނެ އެންމެ ފައިދާބޮޑު އެއް ކަންތައް ކަމުގައިވާ ދުޢާއާއި ޛިކުރު ކުރުމަށް ޚާއްޞަ ކުރެވިފައިވާ ވެބްސައިޓެކެވެ.
ލޮކްޑައުން ވެގެން ގޭގައި ތިބެންޖެހުނު މިދުވަސް ވަރު ﷲ ގެ އިރާދަފުޅުން ދިމާވެފައި މިވަނީ އެމަހެއްގައި ބަރަކާތާއި ސަވާބުން ފުރިވެގެން އަދި އަޅުކަން ކުރުމުގައި ރެއާއި ދުވާލު އަޅުގަނޑުމެން އަވަދިނެތި ހޭދަކުރާ މާތްވެގެންވާ މައްސަރު ކަމުގައިވި ރަމަޟާން މަހާއެވެ.
ރަމަޟާން މަހަކީ އެމަހެއްގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ( ލައިލަތުލްޤަދުރި ) ލެއްވިގެންވާ މަހެވެ. އެރެއާއި ދިމާވެއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނޭ ކަމަށް އެކަލާންގެ ވަނީ އެއިލާހުގެ މާތް ފޮތުގައި އަންގަވާފައެވެ.
އޭގެ އިތުރުން މާތް ﷲ ޛިކުރު ކުރުމާއި، ދުޢާ ކުރުމަކީ ހިތް ތަނަވަސްވެ، ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴾ [الرعد: 28] މާނައީ: “ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟”
އިސްތިޣުފާރު ކޮށް (ފާފަ ފުއްސެވުން އެދި ދުޢާ ކޮށް) ހެދުމަކީ ތިމާގެ ކިބައިގައި ބަރަކާތް ލައްވައި، ދިރިއުޅުން ބާޖަވެރި ކުރައްވައި ހިތާމަތައް ފިއްލަވައި ދެއްވާ ކަމެކެވެ.
އެހެންކަމުން މިފަހަރު މި ގެނެސްދޭ ވެބްސައިޓް ގައި މިފަދަ ހުރިހާ ދުޢާތަކާއި ޒިކުރު ތަކާއި، އަދިވެސް އެތައްބައިވަރު ދީނީ ޢިލްމާއި، މައުލޫމާތު އެކުލެވިގެންވެއެވެ. ތިރީގައިވާ ލިންކަށް ކްލިކް ކުރައްވައިގެން އެ ވެބްސައިޓްގެ އަޖުމަ ބައްލަވާލައްވާށެވެ.
މާތް ﷲ ތިބާއަށާއި، އަޅުގަނޑަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން