ކޮވިޑް-19: މިއަދު އެކަނިވެސް ފައްސިވި މީހުންގެ އަދަދު 50 އަށްއަރައިފި
މުޅި މާލެއަށާއި، އަދި ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށްވެސް ކޮވިޑް ފެތުރިގެން ގޮސް އޭގެ ނުރައްކާބޮޑުވެ މިއަދު އެކަނިވެސް ރާއްޖެއިން 50 މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެއްޖެއެވެ.
އެހެންކަމުން ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެއްދުވަހާ އެންމެ ގިނަމީހުން ފައްސިވި ދުވަހަކަށް މިއަދު މިވަނީ ވެފައެވެ.
ރާއްޖެއިން އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ޕާކިސްތާނު މީހެކެވެ.
މި މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 191 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 78 ދިވެހިންނާއި 113 ބިދޭސީންނެވެ.
މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ މާލެއިންނެވެ. މީގެ އިތުރުން، ހއ. އުލިގަމާއި، ށ. ނަރުދޫންވެސް ވަނީ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ދެން ރާއްޖެއިން މި ވައިރަސް ފެތުރިފައިވަނީ ރިސޯޓްތަކުގައެވެ.
ރާއްޖޭގައި މިބަލި ފެތުރެމުންދާ މިން ހަލުވިކަމާއެކު ބައެއް ރަށްރަށުގައި ވަނީ އެޗްޕީއޭއިން އަންގާ މިންވަރަށްވުރެ އިތުރަށްވެސް ހަރުކަށިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބައެއްރަށްރަށަށް އެރަށްރަށުގެ ރަށްވެހިންނަށްވެސް ނޭރޭ ފަހަރު އައިސްގެން އެފަދަ މައްސަލަތައް އެޗްޕީއޭއަށް ރިޕޯޓް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

