ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އަންގައިފި
ކޯވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މިސްކިތްތަކުގައި ފަރުޟުނަމާދާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދު ޖަމާޢަތުގައިކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.
އިސްލާމިކް މިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޖަމާޢަތް ހެދުން މެދުކަނޑާލީ މިރޭގެ މަޣުރިބް ނަމާދުންފެށިގެން މިމަހުގެ 30ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށް ކަމަށެވެ.
މިއީ ކޯވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެކެވެ. މިފިޔަވަޅު އެޅުމަޑށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާވަނީ ލިބިފައެވެ.
އިސްލާމިކް މިނިސްޓްރީންވަނީ މިމުއްދަތުގައި ގިނައިން ގޭގައި ނަމާދު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހުކުރު ދުވަހުވެސް ހުކުރު ނަމާދުގެ ބަދަލުގައި ގޭގައި މެންދުރު ނަމާދު ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.


