އެޕްރީލް 20 ގެކުރިން ރޯދަ އިނާޔަތް ދިނުމަށް ހުރިހާ އޮފީސްތަކަކަށް ފިނޭންސުން އަންގައިފި
ސަރުކާރު ވަޒީފާގައި ހުރި ކޮންމެ މީހަކަށްވެސް މިމަހުގެ 20 ގެ ކުރިން ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ފިނޭން މިނިސްޓްރީން އޮފީސްތަކަށް އަންގައިފިއެވެ.
ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާއެވެ.
ރޯދަ އިނާޔަތަކީ ކޮންމެ ރޯދަމަހަކާ ދިމާކޮށް މުސްލިމު މުވައްޒަފުންނަށް ދޭ އިނާޔަތެކެވެ. މިއަހަރުގެ އިނާޔާތް ދިނުމުގައި، ނޯޕޭގައި ތިބޭ މީހުން އިސްތިސްނާ ކޮށްފައި ވާ އިރު، ރޯދަމަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ކެނޑޭ މުވައްޒަފުން ވަޒީފާ އަދާ ކުރި ދުވަހަށް ޖެހޭ ފައިސާ ކަނޑާފައި ބާކީ އެ މުވައްޒަފެއްގެ އަތުން ހޯދަންވެސް ޖެހެއެވެ.
އަދި އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެލަވަންސް ދިނުމުން ފުދޭނެ ކަމަށްވެސް ފިނޭންސުން ވަނީ ބުނެފައެވެ.
މިއަހަރުގެ ރޯދަ އިނާޔަތް ދޭން ފިނޭންސުން އަންގާފައިވާއިރު، ނިމިދިޔަ މާޗު މަހުގެ އޯޓީވެސް މި ހިނގާ އޭޕްރީލް މަހުގެ މުސާރައާ އެކު މުވައްޒަފުންނަށް ދޭ ގޮތަށް ފިނޭންސް މިނސިޓްރީން ވަނީ ހަމަޖައްސާފައެވެ.
ދުނިޔޭގެ އިގުތިސޯދަށް ލޮޅުން ގެނުވި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދުވެސް ވަނީ އަޑިއަޅާފައެވެ. މިހާލަތުގައި މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް މާލީ އެހީ ސަރުކާރުން ދޭން ނިންމާފައި ވާއިރު ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަނުކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ދިވެހިރާއްޖެ މިއޮތް ޙާލަތުން އަރައިގަނެވޭނެ ދުވަހެއް ލަފާކޮށްލައިފަވެސް ބުނަން ނޭންގޭތީ ހުރިހާ ފަރާތްތަކަކުންވެސް ޚަރަދުކުޑަކުރުމަށް ސަރުކާރުންދަނީ އިލްތިމާސް ކުރަމުންނެވެ.

