ގައިދުރު ކަމުގެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް އިލްތިމާސް ކޮށްފި
މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހަކު ހިންގަމުންދާ ކާފިއު އުވާލެއްވުމަށްފަހު ގައިދުރު ކަމުގެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް އިލްތިމާސް ކޮށްފިއެވެ.
ކާފިއު ހިންގަން ފެށީ މިދިޔަ ހަފްތާގެ ބުރާސްފަތު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު5:00 ން ރޭގަނޑު8:00 އަށެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަމުން އައި ދެ އުސޫލެއް އުވާލާ ކަމަށެވެ.
އެއީ ހަވީރު5:00 ރޭގަނޑު8:00 އަށް މަގުމައްޗަށް މީހުން ނުކުތުމާއި އެއް ގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް އެންގި އެންގުމެވެ. ދެން އުވާލީ އެނޫން ވަގުތުތަކުގައި ތިން މީހުންނަށްވުރެ އިތުރަށް އެކުގައި އުޅުން މަނާ ކުރި ކުރުމެވެ.
އިތުރަށް އެ އެންގުމުގައި ބުނެފައިވަނީ މީހުން އެއްތަނަކަށް އެއްވުން ހުއްޓުވުމަށާއި މާރުކޭޓާއި ފިހާރަތަކާއި އޮފީސްތައް އަދި ބޭންކުތަކުން އިޖްތިމާއީ ގައިދުރު ކަމުގެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް އިލްތިމާސް ކުރާ ކަމަށެވެ. މިކަންކަން ތަންފީޒު ކުރޭތޯ ބެލުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގާފައިވެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާފިއު އިއުލާން ކުރި ނަމަވެސް އެ އެންގުމަށް އާންމުންގެ ފަރާތުން މާ ބޮޑު އެއްބާލުމެއް ލިބިފައެއް ނުވެ އެވެ.
އެގޮތުން ހަފްތާއެއްގެ ތެރޭގައި ދެ މީހަކު ޖޫރިމަނާކޮށް500 އަށްވުރެ ގިނަ މީހުންނަށް ނަސޭހަތް ދޭން ޖެހުނެވެ.
ކޮވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތްމިންވަރު އަދިވެސް ރަނގަޅަށް ބުނަން ނޭންގޭކަމަށް ހެލްމިނިސްޓަރ އަމީންވެސް ވަނީ ރޭ ވިދާޅުވެފައެވެ. އަމީން ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ނެތްކަމަށް ނިންމަން އަދިވެސް މާ އަވަސްކަމުގައެވެ.

