އަރަތްމުނިފޫހި

ހަފްތާ އަރަތް 6

ހަފްތާ އަރަތް 6

މި ހަފްތާގައި ދެ އަރަތެއް ހިމަނާލަމެވެ.

ފުރަތަމަ އަރަތް

އެއްސަހަރެއްގައި ދިރިއުޅުނު ދަނޑުވެރިއެކެވެ. މި ދަނޑުވެރިޔާ ހިޔަޅަކާއި އަސްދޫޏެއް ގެންގުޅެއެވެ. ދަނޑުވެރިޔާ ދަނޑުހައްދަނީ ކޯރެއްގެ އަނެއް ފަރާތުގައި އޮންނަ ހުސްބިމެއްގައެވެ. އެހެންކަމުން ދަނޑަށް ދާނަމަ ކޮންމެ ދުވަހަކުވެސް ކޯރު ހުރަސްކުރަން ޖެހެއެވެ. ދަނޑުވެރިޔާ ކޯރު ހުރަސްކުރުމަށްޓަކައި ލަކުޑިން ކުޑަ ދޯންޏެއް ހަދާފައި އޮވެއެވެ. ދަނޑުވެރިޔާ މިއަދު ބޭނުންވަނީ ދަނޑަށްގޮސް ޒުވާރި އިންދާށެވެ. އަދި ދާއިރު ހިޔަޅާއި އަސްދޫނިވެސް އެތަނަށް ގެންދާށެވެ. އެކަމަކު އެއްފަހަރާ ހުރިހާ އެއްޗެއް ނުގެންދެވެއެވެ. ގެންދެވެނީ ފަހަރަކު އެންމެ އެއްޗެކެވެ. ދަނޑުވެރިޔާ ވިސްނާލިއެވެ. ހިޔަޅާއި އެކު އަސްދޫނި ބައިންދާފައެއް ނުދެވޭނެއެވެ. އެއީ ހިޔަޅު އަސްދޫނި ކާލާނެއެވެ. އަދި އަސްދޫންޏާއި އެކު ދަނޑުގައި ހައްދަން ބޭނުންވާ ޒުވާރިތަކެއްވެސް ނުބެހެއްޓޭނެއެވެ. އެއީ އަސްދޫނި ޒުވާރިތައް ކާނެތީއެވެ. އެހެންކަމަށް ވާނަމަ، ދަނޑުވެރިޔާ އެހުރިހާ ތަކެތި ސަލާމަތުން ކޯރުގެ އަނެއް ފަރާތުގައިވާ ދަނޑަށް ގެންދާނީ ކިހިނެތް ހެއްޔެވެ؟

ދެވަނަ އަރަތް

އަހަރެންނަކީ ތަންކޮޅެއް ކުރިން ފެށިގެން އުޅެމުން އަންނަ މީހެކެވެ. ޒަމާން ބަދަލުވެ ދުނިޔެ ތަރައްޤީ ވުމާއި ގުޅިގެން މިހާރު އަހަރެން ގެންގުޅޭމީހުން މަދެވެ. އެހެނަސް އަހަރެން ކުރިން ދެމުން އައި ޚިދުމަތް މިއަދުވެސް ތަފާތު ބަދަލުތަކާއި އެކު ދަނީ ދެމެންނެވެ. ކުރިއަށްވުރެ ފުރިހަމައަށެވެ. އަހަރެން ކަންފަތެއް ނުހުރެއެވެ. އެކަމަކު އަނެކުން އެދޭ އެދުން ފުރިހަމަކޮށްދީ އެމީހުން ހިތްހަމަ ޖައްސައިދެމެވެ. އަހަރެންގެ އަނގައެއް ނުހުރެއެވެ. އެކަމަކު އަހަރެން ވާހަކަދައްކަމެވެ. މިހާރަކަށް އައިސް ގިނަ މީހުން އަހަރެން ގެންގުޅެނީ ރަމަޟާން މަހުއެވެ. އެކަމަކު އަހަރެންނަކީ ކާއެއްޗެއް ނޫނެވެ. އެކަމަކު ކައްކާގޮތް އަހަރެން ބުނެދެމެވެ. ބައެއްމީހުން އެމީހުން ތަންތަނަށް ދަތުރު ކުރާއިރު އަހަރެންގެ ބޭނުންކުރެއެވެ. އަހަރެންގެނަކީ ވަރަށް މުހިންމު އެއްޗެކެވެ. އަހަރެންނަކީ ކާކު؟

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close