ފާއިތުވި 24 ގަޑިއިރު ތެރޭ އެމެރިކާއިން 17000 ށްވުރެ ގިނަމީހުން ކޮވިޑަށް ފައްސިވެއްޖެ
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ކޮވިޑް-19 އަށް 17،230 މީހަކު ފައްސި ވެއްޖެކަމަށާއި، މިއީ ރެކޯޑް ޢަދަދެއްކަމަށް ރިޕޯޓްތައް ބުނެފިއެވެ. އަދި އެޤައުމުން ކޮވިޑް ޖެހިގެން މިހާތަނަށް ޖުމުލަ 1607 މީހުން ވަނީ މަރުވެފައެވެ. ހަމައެކަނި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެމެރިކާއިން ކޮވިޑް-19 ޖެހިގެން 312 މީހުންވަނީ މަރުވެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް އެމެރިކާއިން ޖުމްލަ 102,464 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމެރިކާއިން ދެވަނައަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަބަޔަކު ފައްސިވެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް އެގައުމުން 17،224 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އެމެރިކާއިން މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވެސް ވަނީ ހަމަ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެކަނި އެގައުމުން 268 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން ޖުމްލަ 13،355 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ލައްކައަކަށްވުރެ މައްޗަށް އަރާފައިވާއިރު، އެގައުމުގެ ނިއުޔޯކްއިން އެކަނިވެސް ބައިލައްކަ އާއި ގާތްކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އެގޮތުން މިހާތަނަށް ނިއުޔޯކުން 44،810 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިހާތަނަށް ނިއުޔޯކުން ޖުމްލަ 519 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.
އެމެރިކާ މިހާރު އޮތީ މުޅި ދުނިޔޭން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހުނު ގައުމުގެ ގޮތުގައި، ލިސްޓުގެ އެންމެ ކުރީގައެވެ.

