ޚަބަރު

ޔޫއޭއީން ކޮވިޑަށް ފައްސިވި ދިވެހި މީހާގެ މަޢުލޫމާތު ހޯދަނީ

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 އަށް ދިވެއްސަކު ފައްސިވި ކަމަށް އެގައުމުގެ ސަރުކާރާއި ހަވާލާދީ ޔޫއޭއީގެ މީޑިއާ ރިޕޯޓްތައް ބުނެފައިވާތީ އެމީހާގެ މަޢުލޫމާތު ދިވެހިސަރުކާރުން ހޯދަމުން ދާކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ އެކަން ބަލަމުންދާ ކަމަށެވެ. “ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން.” ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ބުނީ އެގައުމުން ކޮވިޑް-19 އަށް މިއަދު ފައްސިވި 50 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަން ކަށަވަރު ކޮށްދިނުން ފިޔަވައި އަދި އޭނާ އާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ބުނީ މިއަދު ފައްސިވި ގިނަ މީހުންނަކީ މީގެ ކުރިން އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ބައްދަލުވެފައިވާ މީހުންނާއި، ވަރަށް ގާތުން އެކުގައި އުޅެފައިވާ މީހުން ކަމަށެވެ.

ޔޫއޭއީގައި ވަރަށް ގިނަ ދިވެހިން ވަޒީފާ އަދާކުރެއެވެ. ގިނަ މީހުން ވަޒީފާ އަދާކުރަނީ އޭވިއޭޝަން ދާއިރާގައެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި، އެއާކްރާފްޓް އިންޖިނިއަރުންނާއި، އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތައް އަދާކުރާ މީހުން ހިމެނެއެވެ.

ނަމަވެސް މިއަދު ކޮވިޑް-19 އަށް އެގައުމުން ފައްސިވި ދިވެއްސަކީ ޔޫއޭއީގައި ވަޒީފާ އަދާކުރާ ދިވެއްސެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޔޫއޭއީ މިހާތަނަށް 248 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close