905 މިލިއަނަށްވުރެ ގިނަރުފިޔާ ބަހަން ދިރާގުން ނިންމައިފި
މިދިޔަ އަހަރުގެ ވިޔަފާރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު
905،160،000 (ނުވަ ސަތޭކަ ފަސް މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ބަހަން ހުށަހަޅަން ނިންމާފައެވެ. އެއީ ކުންފުނީގެ ސާފު ފައިދާގެ %100 އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މީގެ ކުރިން ވަނީ، މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.96ރ. ގެ ރޭޓުން 452.9 މިލިއަން ރުފިޔާ ބަހައިފަ އެވެ. އަދި ފަހު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.95ރ. ގެ ރޭޓުން ޖުމްލަ 452.2 މިލިއަން ރުފިޔާ ބެހުމުން، ހިއްސާދާރަކަށް މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 11.91ރ. ޖެހޭނެ އެވެ.
ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބަހަން ކަނޑައެޅި 452.2 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާނީ މިއަހަރު އޮންނަ އަހަރީ އާއްމު ޖަލްސާގައި ފާސްކުރުމުންނެވެ.
ދިރާގުން އާއްމުންނަށް ހިއްސާ ވިއްކި ފަހުން ކޮންމެ އަހަރަކު ހިއްސާދާރުންނަށް، ފައިދާގެ 100 ޕަސެންޓް ބަހަ އެވެ. އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަނީ ދެބަޔަކަށް ބަހާލައިގެންނެވެ.
