ހަފްތާގެ އަރަތް 4
ވިސްނުން ފަހިކޮށްލުމަށް ހަފްތާގެ އަރަތް ( 4)
މި ހަފްތާގެ އަރަތް ޚާއްސަ ކޮށްލަނީ ހޭލުންތެރިކޮށްލުމުގެ މަޢުޟޫއަކުން
އަހަރެންގެ ވާހަކަ ނުދައްކާ މީހަކު ނޫޅެއެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން އުމުރުން ދުވަސްވީ މީހަކަށްވެސް މިހާރު އަހަރެން އެނގޭނެއެވެ. އަހަރެން މަޝްހޫރުވީ ހަމަ ކުއްލިއަކަށެވެ. އެހެނަސް އަދި އެއްވެސް މީހަކަށް އަހަރެންމީ ކޮންތާކުން އައި މީހެއް ކަމެއް ނޭނގެއެވެ. އެކަން ހޯދުމަށް މިހާރު ދުނިޔޭގެ އެތަށް ބަޔަކު އެބަ މަސައްކަތް ކުރެއެވެ. އަދި އަހަރެން މަރާލާނެ ނުވަތަ ބަލިކޮށްލާނެ ހަތިޔާރެއް އުފެއްދޭތޯވެސް އެބަ ހިތްވަރުކުރެއެވެ.
އަހަރެންނަކީ ވަރަށް ހަލުވިކަމާއެކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ މީހެކެވެ. އެހެންވެ އަހަރެންގެ އަޑުއިވުނަސް ބައެއް މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެރިވެއެވެ. އަހަރެން އިންސާނުންގެ ލޮލަށް ނުފެނި އެމީހުންނާއި އެންމެ ގާތުގައި ދިރިއުޅެމުންދާއިރުވެސް އެކަމުގެ އިހްސާސެއް ނުކުރެއެވެ. އަދި އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަދެ އަހަރެން ހިންދެމިލާ ހަމަޖެހިލާއިރު ހަމަ ރެއަކާވެސް ނުލައެވެ. އަހަރެންގެ ސަބަބުން މިހާރު ދުނިޔޭގެ އެތަށް މިތަނުން އެތައް ހާސް ބަޔަކު މަރުވެއްޖެއެވެ. އެތައް ޤައުމަކަށް ދަތުރު ފަތުރުކުރުން މުޅިން މަނާކުރެވިއްޖެއެވެ. އެތަށް ބަޔަކު އެބައެއްގެ ޤައުމުގައި ނުވަތަ ރަށްރަށުގައި ބަންދުކުރެވިއްޖެއެވެ. ޓެސްޓްތައް ހަދަމުންއެދަނީ އެބައިމީހުންގެ ހަށިގަނޑުގައި އަހަރެން ދިރިއުޅޭތޯ ބެލުމަށެވެ.
އަހަރެންގެ ނުރައްކާތެރިކަމުގެ ވާހަކަ މިހާރު ނުދައްކާ ޓީވީ ޗެނެލެއް ނެތެވެ. އަހަރެންގެ ކިބައިން ސަލާމަތްވުމަށް ކުރަންވީ ކަންކަން އަބަދުހެން މީސް މީޑިޔާއިން ދަނީ ފޮނުވަމުންނެވެ. އެކަމަކު އަދިވެސް ބައެއް މީހުން އަހަރެންނާއި މެދު ފަރުވާލެއް ނުބަހައްޓައެވެ. ފަރުދީގޮތުން ސާފުޠާހިރުވުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ފުންކޮށް ވިސްނާލާށެވެ! އަހަރެންނާއި މެދު ހޭލުންތެރިވެ ސަމާލުވާށެވެ! އަހަރެންނަކީ ކާކުކަން ފިކުރުކޮށް ދެނެގަންނާށެވެ! އަހަރެންނަކީ ކާކުހެއްޔެވެ؟
ތިޔައީ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް އެވެ.