މުދައްރިސުންނަށް އެހީއެއް
ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔޭގައި އުފެއްދުންތެރި، ޙަރަކާތްތެރި މީހެއްގެގޮތުގައި، ދިރިއުޅެން ދަސްކުރުމަށް ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ޤާބިލިއްޔަތުތައް މި ޤައުމީ މަންހަޖުގައި ކަނޑައަޅާ ބަޔާންކޮށްފައިއެބަވެއެވެ.
އެގޮތުން ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ ޖުމުލަ 8 ޤާބިލިއްޔަތެއް މިޤައުމީ މަންހަޖުގައި ކަނޑައަޅާފައިވެއެވެ. އެޤާބިލިއްޔަތުތަކުގެ ތެރޭގައި ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ވިސްނުން ހިމެނެއެވެ. މި ޤާބިލިއްޔަތުގެ އިތުރު ތަފްސީލަކަށް ބަލައިލާނަމަ ވަރަށް ގިނަ ކަންކަން ފާހަގަކުރެވެއެވެ.
ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި ކާމިޔާބު ފަރުދެއްގެގޮތުގައި ދިރިއުޅުމަށްޓަކައި ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ކަންކަމާމެދު ވިސްނުމުގެ ޤާބިލުކަން ހޯދައިދިނުން ވަރަށް މުހިއްމެވެ. މިޤާބިލިއްޔަތު ލިބުމުން ޚިޔާލު އުފައްދައި، މީހުންނާ ގުޅިގެން އުފެއްދުންތެރިކަމާއެކު މަސައްކަތްކޮށް، ކަންކަމުގެ ސަބަބު ހޯދައި، މައްސަލަ ޙައްލު ކުރުމާއި ގޮތް ނިންމުމުގެ ހުނަރު އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރާނެއެވެ. އަދިކަމަކާމެދު ގޮތެއް ނިންމުމުގެކުރިން، ކަމުގެދެކޮޅު ރަނގަޅަށް ބަލައި އެކަމަކާމެދު ފުންކޮށް ވިސްނާނެއެވެ
ހަމައެއާއެކު އަޅައިބަލައި، ސަބަބު ދެނެގަނެ ދިރާސާ ކުރާނެއެވެ. އުނގެނުމުގައި އަމިއްލަ ނަފުސަށް އިތުބާރު ކުރާނެއެވެ. ދަރިވަރުންނަށް ދަސްވާ ތަކެތި އެހެން ޙާލަތްތަކުގައި ބޭނުންކުރާނެއެވެ. ތަފާތު ޙާލަތްތަކަށް ފެތޭ، އާ ގޮތްތަކަށް މަރުޙަބާ ކިޔާނެއެވެ. އަދި އުނގެނޭ އެއްޗަކާމެދު ދަރިވަރުން ވިސްނާނެއެވެ.
އާދެ ބިނާކުރަނިވި އަދި އުފެންދުރުންތެރި ގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް ހުންނާނެއެވެ. އެގޮތުން އަރަތަކީ ވަރަށް މުހިއްމު އަދި ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަޅުގެ ތެރެއަށް ވައްދާ ސިކުނޑިތައް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ގިނަ މުދައްރިސުން ދެކިލައްވައެވެ. އެގޮތުން ދަރިވަރުންގެ ފިލާވަޅުތައް ފެށުމުގެ ކުރިން އެ ފިޅާވަޅަކާއި ގުޅޭގޮތުން އަރަތެއް ތައްޔާރުކޮށް ތަފާތު ނަޒަރަކުން ވިސްނުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދެވިދާނެއެވެ. އެގޮތުން ގެންދެވިދާނެ އަރަތެއް ތިރީގައި ހިމަނާލާނަމެވެ.
އަހަރެންނަކީ ކާކު؟ 01
އަހަރެންނަކީ އިންސާނުންނާއި އެންމެހާ ދިރޭތަކެތި ދިރިހުރުމަށް ބޭނުންވާ އެއް މާއްދާއެކެވެ. އަދި ވަރަށް އަގުހުރި މާއްދާއެކެވެ. އަހަރެންގެ އެހީގައި ތަކެތި އުފައްދާ އަދި ތަކެތި އަންދާވެސް ހަދަމެވެ. އަހަރެންނާއި ނުލައި ދިރިއުޅޭނަމަ އެތަނަކަށް ވެސް ނުވަތަ އެބަޔަކަށްވެސް ތާޒާކަމެއް ނުލިބެއެވެ. އަހަރެންނަކީ ކާކު؟
މައުލޫމާތު: ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު
