އިޓަލީ ފަތުރުވެރިޔާ ފުރުވާލި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަންފަށައިފި
ޅ.ކުރެއްދޫ އައިލެންޑް ރިސޯރޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހާ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ފުރިވާލި މައްސަލައިގެ ތަޙްޤީޤު ފުލުހުން ފަށައިފި ކަމަށް ފުލުހުންގެ ފަރާތުން ވިދާޅުވެއްޖެއެވެ.
މި މައްސަލަ ފުލުހުން ތަޙްޤީޤްކުރަން ފަށާފައިވަނީ މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާމެދު ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރު ކުރެއްވުމާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 23ވަނަ ދުވަހުގެ ޅ.ކުރެއްދޫ ރިސޯރޓް ގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިޔާގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާއިރު، އެކަމުގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތުން ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރަން ފަށާފައިވާކަމަށެވެ.
އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވީކަން ފުލުހުން ފާހަގަކުރައްވާފައިވެއެވެ. އަދި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުޢާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުރިތޯ މިތަހްޤީޤުގައި ބަލާނެކަންވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.
ކުރެއްދޫ ރިސޯޓުން އައި އިޓަލީގެ އެ ފަތުރުވެރިޔާ ހުން އައިސް ކޯވިޑް-19ގެ އަލާމަތްތައް ފެނުމުން އެ ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވާކަން ކޮންޓެކްޓް ޓްރޭސިންގް އިން ވަނީ ހާމަވެފައެވެ. އަދި އޭނާ އެނބުރި ޤައުމަށް ދާން އައިސް މާލޭގެ މާގިރި ހޮޓަލަށާއި ޔުނިވަރސަލްގެ އޮފީހަށް އައިސްފައިވާކަން ހާމަވެފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

