ފަރުވާހޯއްދަވަން ރާއްޖޭން ބޭރަށް ވަޑައިގަންނަވާކަށް ޔާމީން ބޭނުންފުޅެއްނޫން
ޖަލުގައި ހައްޔަރުވެ ހުންނަވައި އަދި ހިތުގެ އާލާސްކަންފުޅަކަށް ބޭސްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖެ އިންލިބެންނެތް ބައެއްފަރުވާ ރާއްޖޭން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމަކުން ލަފާ ދެއްވިނަމަވެސް އެ ފަދަ ފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުނޫންކަމަށް ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ޔާމީން، ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން މިދިޔަ ހަފުތާގައި ވަނީ ފަރުވާ ދީފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާފުށީ ޖަލުގައި އެމަނިކުފާނާ އިއްޔެ ބައްދަލުކުރެއްވީ ޑޮކްޓަރުންގެ އެ ލަފަޔާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާން ކަމަށް ޚަބަރުތައް ވަނީ ފެތުރިފައެވެ.
ބޭސްފަރުވާއާ ގުޅޭ ގޮތުން ޔާމީނާ ވާހަކަ ދެއްކެވި ކަމަށާއި އެމަނިކުފާނުގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި ކަމަށް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ ލަފާ ވެސް ޔާމީންގެ އާއިލާއާ ހިއްސާކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ވަރަށް އަރިސްބޭފުޅަކު ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ބޭރަށް ވަޑައިގަތުމަށް އިމްރާން ހުށަހެޅުއްވި ނަމަވެސް ޔާމީން އެކަމަށް އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ. ފަރުވާ އަށް ބޭރަށް ވަޑައިނުގެން އެމަނިކުފާނު ބޭނުންފުޅުވީ، ގެއަށް ބަދަލުވުމަށެވެ.
ޕީއެންސީގެ ނައިބްރައީސް އަދި ކައުންސިލް މެމްބަރ އިބްރާހިމް ޝުޖާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ޑީލެއް ހެދޭހާ ޗީޕް ބޭފޫޅެއްނޫންކަމަށެވެ. ރައިސް ޔާމީން ޝަރީޢަތަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ ޝަރީޢަތެއްކަމަށެވެ. އަދި ރައިސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށްވެސް ޝުޖާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާމީނަކީ ޖަލުގައި އޮންނަވައިގެން ޕާޓީގެ މުސާރަ ނަންގަވާނެ ބޭފުޅެއްނޫންކަމަށާއި، އޮޅިވަޑައި ނުގަތުމަށްވެސް ޝުޖާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކުރުމާމެދުވެސް އަދި ރާއްޖޭން ބޭރަށް ފޮނުވާލުމާމެދުވެސް އަދި ސަރުކާރުން ވަކިގޮތެއް ނުނިންމަވާކަމަށް ރާއްޖޭގެ މަޝްހޫރު މީޑިއާރިޕޯޓްތައް ބުނެއެވެ.

