ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް މަޖްލިސްގެ އެންމެ އިސް ދެބޭފުޅުން ފާޅުގައި ދެކޮޅު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ އިވެންޓެއް އަންނަ މާޗްމަހުގެ 12-18 އަށް ރާއްޖޭގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން ހަމަޖްސައިފައިވަނިކޮށް އެކަމާދެކޮޅަށް ރައްޔިތުންގެ މަޖްލިސްގެ ރައީސާއި، ނައިބްރައީސް އަޑުއުފުއްލަވައިފިއެވެ.
ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ ޒުވާނުންގެ މެދުގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޕްރޮމޯޓްކުރުމަށް ކަމަށް ޔޫތުމިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ، ޑރ. ބިލާލް ފިލިޕިސް ރާއްޖެ ގެނައުމާ ދެކޮޅަށް ޝުއޫރު ފާޅުކުރައްވައި ޓްވީޓްތައް ކުރައްވާފައެވެ.
އަދި އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް ޑރ. ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައި ވެއެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ޑރ. ބިލާލް ފިލިޕްސްއަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އެހެންވެ، އެބޭފުޅާ ރާއްޖެ ގެންނަން ފެނިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޕްރޮމޯޓްކުރަންޖެހޭ ކަމަށާއި، ނަމަވެސް ޑރ ބިލާލްއަކީ އެކަންކުރުމަށް އެކަށީގެންވާ މީހެއް ނޫން ކަމަށެވެ. ޑރ. ބިލާލް ފިލިޕސްއަކީ ހަރުކަށިފިކުރާއި، އަންހެނުންނާމެދު އަނިޔާވެރިވުމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށް އީވާ ވިދާޅުވެފައި ވެއެވެ. އަދި ޑިމޮކްރަސީއާމެދު އޭނާ ގެންގުޅުއްވަނީ ފަނާކުރުވަނިވި ވިސްނުން ކަމަށްވެސް އީވާ ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދާއި، އީވާ، ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ޓްވީޓްތައް ކުރެވުމުން، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އެ ބޭފުޅުންނަށް ރައްދުދެއްވައި ޓްވީޓްތައް ކުރައްވާފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި އެތައް އާންމުންނެއް ރައީސް ނަޝީދާއި އީވާއަށް ނުރުހުން ފާޅުކުރަމުންވެސް އެބަ ގެންދެއެވެ.
އެހެން ނަމަވެސް، މިއާއެކު، ރައީސް ނަޝީދުގެ ވިސްނުންފުޅަށް ތާއީދުކޮށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.
ރައީސް ނަޝީދުވެސް އަދި އީވާވެސް އަދި އެބޭފުޅުންނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރައްވާ އެހެން ބޭފުޅުން އިޝާރާތް ކުރައްވަނީ ޑރ. ބިލާލް ބައެއް ގައުމުތަކަށް އެރުން މަނާކޮށްފައިވާ މައްސަލައަށެވެ. ނަމަވެސް ޑރ. ބިލާލް ފިލިޕްސް އެރުން މަނާކޮށްފައިވަނީ އިސްލާމީ ކިތައް ގައުމުކަމެއް އަދި އެއީ ކޮންކޮން ޤައުމުތަކެއް ކަމެއްވެސް އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ.

