މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ރެޑްވޭވް ސަލީމް
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވްސަލީމް) ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކަނޑަނޭޅި އޮތީ އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު އެއްވަރު ކަމުންނެވެ. އެ ދެ ޕާޓީގައި ކުރިން ތިއްބެވީ ފަސް މެންބަރުންނެވެ. އޭގެ އިތުރުން ޕީއެންސީގައި ތިން މެންބަރުން އަދި އެމްޑީއެންގައި ދެ މެންބަރުންނެވެ. ވެރިކަން ކުރާ މައި ޕާޓީގައި65 މެންބަރުން އެބަތިއްބެވެ.
އެކަމަކު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ޕީޕީއެމްއާއި ގުޅިވަޑައިގެން އެކަން މަޖިލީހަށް އަންގާފައިވާކަމަށް އިއުލާނު ކުރައްވާފަ އެވެ. އެއާއެކު ޕީޕީއެމްގެ މެންބަރުންގެ އަދަދު ހަޔަކަށް އެރުމުން ރައީސް ނަޝީދު ވަނީ ޕީޕީއެމް މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި ހަމަޖެހިގެންދިޔަ ކަން އިއުލާނު ކުރައްވާ އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް އަކީ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަމަށް ވިދާޅުވެފައި އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މައިނޯރިޓީ ލީޑަރު ހުށަހަޅަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ވީހާ ވެސް އަވަހަށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

