ގެސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެ
ނޮކު މޯލްޑިވްސް އައިލޭންޑް ރިސޯޓަ (ނ.ކުޑަފުނަފަރު) ށް ގެސްޓުން ގޮވައިގެން ދަރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ ހާދިސާގައި ނިޔާވީ އދ. ހަންޏާމީދޫ އަށް އުފަން އުމުރުން 51 އަހަރުގެ އިބްރާހިމް ނަސީރެވެ. އިބްރާހިމް ނަސީރު އެ ރިސޯޓަށް ދިޔައީ ކަރަންޓު މަސައްކަތެއް ކުރުމަށް ކަމަށްވެއެވެ. އޭނާ އަށް އެއްވެސް ވަރަކަށް ފަތަން ނޭނގޭ ކަމަށްވެއެވެ.
މި ލޯންޗު ބަންޑުން ޖަހާލާފައި ވަނީ އެ ރިސޯޓުގެ ނެރު މައްޗަށެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި ހާދިސާ ހިނގައިން އުޅޭކަމުގެ ރިޕޯޓު އެ ފަރާތަށް ލިބިފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖަހަން އުޅެނިކޮށެވެ.
ލޯންޗުން ދަތުރު ކުރީ ޖުމްލަ 7 މީހުންނެވެ. އެއީ 2 ގެސްޓުންނާއި 4 ފަޅުވެރިންގެ އިތުރުން މަރުވި އިބްރާހިމް ނަސީރެވެ. މިކަން ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރިސޯޓަށް ލިބުމާއި އެކު އެ ސަރަހައްދަށް ޑިންގީ އެއްގައި ގޮސް މީހުން ވަނީ ރިސޯޓަށް ގެނެސްފައެވެ. ލޯންޗުން ދެން ދަތުރު ކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށްވެއެވެ.
ނަސީރު އަށް ގިނަ އަދަދެއްގެ ލޮނު ބޮވުމުގެ ސަބަބުން އޭނާ ހޭ ނައިރައިގެން ވަނީ ނ. މަނަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ނަސީރުގެ ހަށިގަނޑު އަދިވެސް އޮތީ މަނަދޫ ހޮސްޕިޓަލުގައެވެ.
