ކުރިއަށްއޮތް ހަތަރު ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ – މެޓްއޮފީސް
ކުރިއަށްއޮތް 4 ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓްއޮފީހުން ލަފާކޮށްފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ހުޅަނގު މޫސުމުގެ ބަރުގަދަވެ ކުރިޔަށް އޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
މެޓްއޮފީހުން ލަފާކޮށްފައިވަނީ ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދެވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާއްމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖެއާއި ދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި މި ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރުގެ ތޭރޭގައި ތޫފާނަކަށް ބަދަލުވުން އެކަށިގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ލަފާކުރެވޭ ގޮތުގައި މި ކޮޅިގަނޑު ޖެހެމުންދަނީ އުތުރު ހުޅަނގު އުތުރަށް ރާއްޖޭއާއި ދުރަށެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އާއްމުކޮށް ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
